އިމާރާތްތަކުގެ ފަހަތުގައިވާ ހަގީގަތް: އަމާނާތާއި، އިޖުރާއާތު އަދި ޒިންމާދާރުކަން

އިމާރާތްކުރަމުންދާތާ އަހަރުތަކެއް ވެފައިވާ އިމާރާތެއް

މުޖުތަމަޢުގައި އެތައް އަހަރެއްވަންދެން ނުނިމި ހުންނަ އިމާރާތްތަކާއި މަޝްރޫޢުތަކަކީ ހިންގުންތެރިކަމުގެ ދޯހަޅިކަމާއި އަމާނާތަށް ފަރުވާކުޑަކުރުން ދައްކައިދޭ ކަމެކެވެ. މަގުސަދު ހާސިލުކުރުމަށްވުރެ ބޮޑަށް ލިޔެކިޔުންތަކާއި އިޖުރާއާތުތައް ފުރިހަމަކުރުމަށް އިސްކަންދިނުމުގެ ސަބަބުން ނަތީޖާ ނެރުމަށް ހުރަސްއެޅެއެވެ. މީގެ އިތުރުން ކަންކަމުގައި އިސްނަގައި ޒިންމާދާރުވާނެ ވެރިން ނެތުމާއި، ކުށްވެރިވާ ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ރައްޔިތުންގެ އިތުބާރު ގެއްލި ދައުލަތުގެ ފައިސާ ބޭކާރުވެއެވެ.

  • އެތައް އަހަރެއްވަންދެން ނުނިމި ހުންނަ މަޝްރޫޢުތަކުން އަމާނާތަށް އިހުމާލުވެފައިވާކަން ހާމަވުން.
  • މަގްސަދު ހާސިލުކުރުމުގެ ބަދަލުގައި ހަމައެކަނި އިޖުރާއާތުތަކަށް ތަބާވުން.
  • ކަންކަން ނިންމުމުގެ ބާރާއި ޒިންމާ ނަގާނެ ހަރުދަނާ ވެރިން ނެތުން.
  • މަސައްކަތް ލަސްވުމުން ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުން.

ތިމާއާއި ހަވާލުވެފައިވާ ޒިންމާތަކަށް ފަރުވާތެރިވުމަކީ އަމާނާތެކެވެ.

މިފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އަހަރުތަކެއްވަންދެން އިމާރާތްކުރަމުންދާ އިމާރާތެކެވެ. މިހާރު ދޮޅަހަކަށް އަހަރު ވެދާނެޔޭ އަޅުގަނޑު ހިތަށް އަރައެވެ. މިއިން ދައްކައިދެނީ އަޅުގަނޑުމެން ކަންކަމާމެދު ފަރުވާ ބަހައްޓާ ވަރެވެ. ހިންގުންތެރިކަމުގެ ދޯހަޅިކަމުގެ މިސާލެއްގެ ގޮތުގައި މިފޮޓޯއާއި އޭގެ ވަށައިގެންވާ ވާހަކަ ފުދެއެވެ.

މިއީ ހިތްދަތި މަންޒަރެއްނޫންތޯއެވެ؟ ހަމައެކަނި ވާހަކައެއް ނޫނެވެ. ރާނާފައިވާ ސިމެންތި ބިނާއަކުން ފެންނަން އޮތް ހަގީގަތެކެވެ. މަސައްކަތް ނުނިމި، ދޮޅަހަކަށް އަހަރުވަންދެން ހުއްޓިފައި ހުރި އިމާރާތެކެވެ. ހުއްޓިފައިވާ އުންމީދީ ވައުދުތަކުގެ ތެރެއިން ކޮންކްރީޓަށްވެފައިވާ ވައުދެކެވެ.

މިފަދަ ތަނެއްގެ ކައިރިން ހިނގާފައި ދާއިރު ހިތުގައި އުދާސްތަކެއް އުފެދޭނެކަން ކަށަވަރެވެ. އެއިން ކޮންމެ އިހުސާސަކުން އެބުނެދެނީ އަމާނާތަކަށް އިހުމާލުވެފައިވާ ކަމުގެ އަޑެވެ.

މަސްއޫލިއްޔަތު އަދާކުރުމަކީ ނުވަތަ ވެރިކަން ކުރުމަކީ އޭގެ ޒާތުގައި "އަމާނާތެކެވެ". އެއީ ހަމައެކަނި މަގާމެއް، ލަގަބެއް ނުވަތަ އިށީނދެލައިގެން އިންނަ މޭޒެއް ނޫނެވެ. އެއީ އެކަން ގަބޫލުކުރި މީހެއްގެ ކޮނޑުގައި އެޅިފައިވާ ބުރުދަން ބޮޑު، އަގުބޮޑު މަސްއޫލިއްޔަތެކެވެ. އެ އަމާނާތަށް އިހުމާލުވެ، ފަރުވާކުޑަކޮށްލާ ހަނދާން ނައްތާލުމުން، އޭގެ އަސަރު ކުރަނީ ހަމައެކަނި އެ މަޝްރޫޢަކަށް ނޫނެވެ. އޭގެ ސަބަބުން ހިންގުންތެރިކަމާމެދު މީހުން ދެކޭ ގޮތް ބަދަލުވެ، ހިންގުމުގެ އާދަކާދަތަކަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ.

މަޤްޞަދަށްވުރެ އިޖުރާއާތު މުހިންމުވުން

މިގޮތަށް ލަސްވެފައިވާ މަޝްރޫޢުތަކުގެ ލިޔެކިޔުންތައް ބަލައިފިނަމަ، ފެންނާނީ ތަފާތު މަންޒަރެކެވެ. ހުރިހާ ކަމެއް އޮންނާނީ "ރަނގަޅަށެވެ". ޕްލޭންތައް އޮންނާނީ ފާސްކޮށްފައެވެ. ބަޖެޓް އޮންނާނީ ހަމަޖެހިފައެވެ. ބައްދަލުވުންތައް ބާއްވައި، ލިޔެކިޔުންތަކުގައި އޮންނާނީ ސޮއިކޮށް ސިއްކަ ޖަހާފައެވެ. ކަރުދާހުގައި އޮތް ގޮތުން ނަމަ، ނިޒާމު ހިނގާނީ ވަރަށް ފުރިހަމަށެވެ.

ނަމަވެސް، އަމަލީ މައިދާނުގައި މަސައްކަތް އޮންނަނީ ބޮއްސުންލައިގެން ގޮސްފައެވެ.

މިއީ އަޅުގަނޑުމެންގެ ތެރޭގައި އެތައްކަމެއް ވެއްޓިފައިވާ ހިތާމަވެރި ހާލަތެވެ. އަޅުގަނޑުމެން ބަލަނީ ކަމެއް ނިންމުމުގެ ބަދަލުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރުމަށެވެ. މަގްސަދު ހާސިލުވުމަށްވުރެ ބޮޑަށް އިޖުރާއާތުތައް ފުރިހަމަކުރުމަށެވެ.

އިޖުރާއާތުތަކަށް ތަބާވުމަކީ ފަސޭހަ ކަމެކެވެ. އެއީ ކޮންމެވެސް ކަމެއް ކުރެވޭ ކަމުގެ އިހުސާސް ކޮށްދޭ ކަމެކެވެ. "އަހަރެމެން ކުރަންޖެހޭ ކަންތައް ކޮށްފީމޭ" ބުނުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް މަގްސަދު ހާސިލެއް ނުވެއެވެ. އެއީ މުހިންމުކަމަކަށް ވެސް ނުވެއެވެ.

ނަތީޖާ ނުވަތަ މަގްސަދުގެ ބަދަލުގައި އިޖުރާއާތަށް އިސްކަންދެވޭ ހިސާބުން، ކަމެއް ނިންމުމަށްވުރެ ކަމެއް ފެށުން މުހިންމުވެއެވެ. އައު ކަންކަން އިއުލާނުކުރުމާއި ޕްލޭންތައް ދެއްކުމުގައި އަޅުގަނޑުމެން ކުރިއަރާދެއެވެ. ނަމަވެސް، އެ މަސައްކަތް ނިންމުމަކީ އިޚްތިޔާރީ ކަމަކަށް ވެގެންދެއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، މިއީ އާދައަކަށް ނުވަތަ ސަގާފަތަކަށް ބަދަލުވެއެވެ. ލަސްވުމާއި މަސައްކަތް ނުނިމި ހުރުމަކީ މައްސަލައެއް ނޫން ކަމަށް ބެލެވޭ ސަގާފަތެކެވެ.

މިފަދަ މާހައުލެއްގައި ގެއްލިގެންދަނީ މީހުންގެ އިތުބާރެވެ. ކުރާ މަސައްކަތުން ނަތީޖާއެއް ނުނިކުންނާނެ ކަމަށް މީހުން ގަބޫލުކުރަން ފަށައެވެ. މީހުންގެ ހިތްތަކުގައި އުފެދޭ އެ މާޔޫސްކަމަކީ އަލުން ބިނާކުރަން އެންމެ އުނދަގޫ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

https://sun.mv/213986

މަސްއޫލިއްޔަތު އުފުލާނެ ވެރިން ނެތުން

މި ހާލަތުގެ އަނެއް ފަރާތުގައި އޮތް ހަގީގަތަކީ ޒިންމާދާރު އިސްވެރިން ނެތުމެވެ. ކަންކަމުގައި ގޮތް ނިންމުމާއި، ޒިންމާ ނެގުމާއި، ހާލަތަށް ވިސްނައިގެން މަސައްކަތް ކުރާނެ އިސްވެރިންނެވެ.

މިއިންކަމަކާ ސުވާލުކޮށްފިނަމަ ލިބޭނެ ޖަވާބަކީ، "ހުއްދައަށް މަޑުކުރަނީ"، "އަދި ގޮތެއް ނުނިމޭ"، ނުވަތަ "ތިއީ އެހެން ފަރާތަކުން ނިންމަންޖެހޭ ކަމެއް" މިފަދަ ޖަވާބެކެވެ. އަދި، މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް މަގުސަދު ހާސިލުކުރުމުގެ ބާރުއޮތީ މާދުރުގައި އަތްނުފޯރާ ހިސާބުގައި ކަމަށް ބަލައިގެން ތިބެނީއެވެ.

ކަންކަން ނިންމުމުގެ ބާރު އެއް ތަނަކަށް ޖަމާވެފައި އޮތުމުން، ކުދިކުދި ކަންކަން ހައްލުކުރަންވެސް ގިނަ ދުވަސް ނަގައެވެ. މީގެ ސަބަބުން މީހުން އެކަމަށް އާދަވެ، އަމިއްލަ އިސްނެގުން ހުއްޓާލައެވެ. މަސައްކަތް ކުރި ނަމަވެސް ކުރިއޭރުމެއް ނުލިބޭނަމަ، މީހުން އެމީހުންގެ ހަކަތަ އިސްރާފު ނުކުރަން ފަށައެވެ.

ހަގީގީ ލީޑަރެއްގެ މަސްއޫލިއްޔަތަކީ ހަމައެކަނި ބާރުތައް ހިފެހެއްޓުމެއް ނޫނެވެ. އެއީ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމެވެ. ވެރިން އަމަލީ ގޮތުން ބައިވެރިވެ ޒިންމާ ނަގާ ނަމަ، ނިޒާމުތަކަށް ދިރުންއައިސް، މަސައްކަތްތައް ހިނގައިގަންނާނެއެވެ. ކަންކަން ކޮންކްރީޓަށްވެގެން ދިޔުން ހުއްޓޭނެއެވެ.

https://sun.mv/220409

ހަމަހިމޭންކަމުގެ އަގާއި ޒިންމާދާރުކުރުވުން

މީގައި، އެންމެ އުނދަގޫ ސުވާލަކީ މަޝްރޫޢުތައް ލަސްވަނީ ކީއްވެގެންތޯ ކުރާ ސުވާލެއް ނޫނެވެ. އެއީ އެއްވެސް މީހަކު ޒިންމާދާރު ނުކުރެވެނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. އެއްވެސް ނަތީޖާއެއް ނެތި އަހަރުތަކެއް ފާއިތުވެދާއިރު، އެކަކުވެސް ޖަވާބުދާރީ ނުކުރެވެނީ ކީއްވެ ހެއްޔެވެ؟

ޒިންމާދާރުކުރުވުމަކީ ހަމައެކަނި ކުށްވެރިކުރުމެއް ނޫނެވެ. އެއީ ކަންކަން ސާފުކުރުމެވެ. މިކަމުގެ ޒިންމާ ނަގަނީ ކާކު ހެއްޔެވެ؟ ނިންމަންވީ ތާރީޚަކީ ކޮބައި ހެއްޔެވެ؟ ލަސްވެއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މިކަންކަން ސާފުނުވާ ނަމަ، ނިޒާމުތައް ފުރިހަމައަށް މަސައްކަތްކުރާނެއެވެ. ނަތީޖާއަށް ވާސިލުވެވޭނެއެވެ.

ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިކަން ބޮޑުކަމަކަށް ނުވަނީ ކީއްވެ ހެއްޔެވެ؟ އެބޭފުޅުންނަށް މިކަންކަން ނޭނގެނީ ކީއްވެ ހެއްޔެވެ؟ ދައުލަތުގެ އެތައް ފައިސާއެއް ބޭކާރުވެ، ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި އުންމީދުތައް އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި މިނިވަން މުސްތަގިއްލު އިދާރާތައް ކޮބައިހެއްޔެވެ؟

މީހަކާ ހަވާލުކުރެވޭ އަމާނާތަށް އޭނާ ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމަކަށް އަޅުގަނޑުމެންނަށް މިވަނީ ބޭނުންޖެހިފައެވެ.

ކޮންމެ އަކަސް ހަރުދަނާ ހިންގުމުގެ ނިޒާމަކާއި ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ތެރެއިން ވެރިން ޖަވާބުދާރީކުރެވޭނަމަ ދިހަބާރަ އަހަރުވަންދެން ނުނިމި ހުންނަ އިމާރާތެއް ނުހުންނާނެއެވެ.

ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަކީ ނަތީޖާ ނެރޭ ތަންތަނަށް ހެދުމަށް ކުރަންޖެހިފައި އޮތް މަސައްކަތުގެ ބޮޑުކަަން، ކޮންކްރީޓަށްވެ ދިގުވާހަކަޔަކަށްވަމުންދާ މިފަދަ އިމާރާތްތަކުން ހާމަކޮށްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް