މުދަލު ޒަކާތުގެ ނިޞާބު 21،836.50 ރުފިޔާއަށް ބޮޑުކޮށްފި

ޒަކާތު ހައުސްއިން ގޮވާމުން ޒަކާތް ބަލައިގަތުން: މުދަލު ޒަކާތުގެ ނިޞާބު 21،836.50 ރުފިޔާއަށް ބޮޑުކޮށްފި -- ފޮޓޯ/ ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ މުދަލު ޒަކާތުގެ ނިޞާބު 21،836.50 ރުފިޔާއަށް ބޮޑުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ރިހީގެ އަގަށް ބިނާކޮށް ކަނޑައަޅާ މި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، ހިޖުރީ ގޮތުން އެއް އަހަރުވުމުން އޭގެ 2.5 އިންސައްތަ ނެރުން ވާޖިބުވާނެއެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާއިރު، 2025 ވަނަ އަހަރު އެކަނިވެސް 107.21 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

  • މުދަލު ޒަކާތުގެ އައު ނިޞާބަކީ 21،836.50 ރުފިޔާ
  • ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެން
  • ނިޞާބު ހަމަވެ އަހަރެއްވުމުން 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވޭ
  • ފާއިތުވި 2025 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 107.21 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ ނިޞާބު 21،836.50 ރުފިޔާއަށް ބޮޑުކޮށް، މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާނުކޮށްފިއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ޒަކާތު ހައުސްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޒަކާތުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21،836.50 ރުފިޔާ ކަމުގައި ކަނޑައަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ނެރުމަށް ޒަކާތު ހައުސްއިން ވަނީ ވަސިއްޔަތްކޮށްފައެވެ.

މިދިޔަ އަހަރު ދެފަހަރަށް ވަނީ މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބު ބޮޑުކުރީ މިދިޔަ ޑިސެމްބަރު 21ގައެވެ. އޭރު ބޮޑުކުރީ 19،527.90 ރުފިޔާއަށެވެ. އަދި އޭގެ ހަތަރު މަސް ކުރިން ނިޞާބު ކަމަށް 11،191.95 ކަނޑައެޅިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް، ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2021ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2025ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކު 90 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެގޮތުން އެންމެ މަތިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރެވެ. އެއީ 107.21 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް