ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ވަކި ޖިންސަކަށް ވީތީ ކުރިމަތިކުރުވާ ތަފާތުކުރުންތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެކުދިންނަށް ޙައްޤުވާ ފުރުޞަތުތައް ހޯދައިދިނުމެވެ.
އިސްލާމްދީނަކީ އަންހެން ކުދިންނަށް އެންމެ މަތިވެރި ޤަދަރާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ދީނެވެ. އެހެންކަމުން، މިފަދަ ބައިނަލްއަޤްވާމީ މުނާސަބަތެއްގައި އިސްލާމީ މަތިވެރި އުޞޫލުތަކުގެ އަލީގައި އަންހެން ކުދިންގެ ދައުރާއި ޤަދަރު އާލާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ސީދާ ގުޅިފައިވާ ކަމެކެވެ.
އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ކުރިން ޢަރަބި ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުދިން ދިރިއުޅެމުންދިޔައީ ނިކަމެތިކަމާއި އަނިޔާވެރިކަމުގެ ތެރޭގައެވެ. ނަމަވެސް ކީރިތި ޤުރްއާނާއި ކައު ރަސޫލާ ﷺގެ މާތް ސުންނަތުން ވަނީ އަންހެން ކުދިންނަކީ މާތްﷲ ދެއްވާ އަގުހުރި ބަރަކާތެއްކަން ބަޔާންކުރައްވާފައެވެ. އަދި އެކުދިންނަށް އޯގާތެރިވެ، ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަކީ ސުވަރުގެ ޙާޞިލުކުރުމުގެ މަގެއް ކަމުގައި ލައްވާފައިވެއެވެ.
އަންހެން ކުދިންތަކެއް ކުޅިވަރުގެ ހަރަކާތެއް ނިންމާލުމަށްފަހު، ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ޑރ.އެޑްވާޑްއާ ވާހަކަ ދައްކަނީ--ފޮޓޯ/ޔުނިސެފްއަންހެން ކުދިންގެ ތަޢުލީމާއި ޙައްޤުތަކާ ގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާ ގޮތުގައި، އަންހެން ކުދިންނަށް ފުރިހަމަ ތަޢުލީމު ފޯރުކޮށްދިނުމަކީ ޤައުމެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމާ ލާމެހިފައިވާ މުހިންމު ކަމެކެވެ. ޔުނިސެފްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ސާނަވީ ތަޢުލީމު ފުރިހަމަކުރުމުގެ ފުރުޞަތު ލިބޭ އަންހެން ކުދިންގެ މުސްތަޤުބަލުގެ އާމްދަނީ އިތުރުވެ، ޅަފުރާގައި ކައިވެނިކުރުމުގެ ފުރުޞަތު އެތައް ގުނައަކުން ދަށްވެގެންދެއެވެ.
މިއީ އިލްމު އުނގެނުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް އޮތް ފަރުޟެއް ކަމުގައި ކަނޑައަޅައި، އިސްލާމްދީނުގައި ޢިލްމަށް ދީފައިވާ މަތިވެރި އަހައްމިއްޔަތުކަމާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ޙަޤީޤަތެކެވެ.
އިޖުތިމާޢީ އަދި ތަޢުލީމީ ދާއިރާގެ މާހިރެއް ކަމަށްވާ ދާލިޔާ މުޖާހިދު ފާހަގަކުރައްވާ ގޮތުގައި، އަންހެން ކުދިންނަށް ރައްކާތެރި އަދި އިޙްތިރާމް ލިބެނިވި މާހައުލެއް ޤާއިމުކޮށްދިނުމަކީ އިސްލާމީ މުޖުތަމަޢެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ.
އެކަމަނާ އިރުޝާދު ދެއްވާ ގޮތުގައި، އަންހެން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށްޓަކައި އެކުދިންގެ އަޑުއަހައި، އިސްލާމީ މިންގަނޑުތަކުގެ ތެރެއިން އެކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް މައިންބަފައިންނާއި މުޅި މުޖުތަމަޢު އެކުގައި ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. ޒަމާނީ ތަޢުލީމާއި އިސްލާމީ އަޚްލާޤީ ހަމަތަކުގެ މަތީގައި އަންހެން ކުދިން ބިނާކުރުމަކީ، ޝަރަފުވެރި އަދި ބާރުވެރި އަންހެން ޖީލެއް އުފެއްދުމުގެ މައިގަނޑު އަސާސެވެ.
އަންހެން ކުދިންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ މަތިވެރި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުދިންގެ ކުރިއެރުމަށް ހުރަސްއެޅޭ އެންމެހައި ކަންކަން ނައްތާލުމަށް މަސައްކަތްކުރުމެވެ. ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއިން އެކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، ފުރިހަމަ އިޙްތިރާމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ، ހެޔޮލަފާ އަދި އުފާވެރި މުޖުތަމަޢެއް ބިނާއެއް ނުކުރެވޭނެއެވެ.