މަސްވެރިންނަށް އެފްއެސްއެމްގެ ހުރިހާ ޝެޑުތަކުން މާދަމާއިން ފެށިގެން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާއިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ.
ފަހި ހަކަތައިގައި ރެޖިސްޓްރީވެފައިވާ ދޯނިފަހަރަށް ސަބްސިޑަރައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން، ސަބްސިޑަރައިޒް އަގުގައި ތެޔޮ ލިބޭނެ ރަށްތަކުގެ ތެރޭގައި:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ކ. ހިންމަފުށި
- ރ. ދުވާފަރު
- ދ. ކުޑަހުވަދޫ
- ޅ. ފެލިވަރު
- ގއ. ކޫއްޑޫ
- ފުވައްމުލަށް ސިޓީ
- ހުޅުމާލެ ޖެޓީ
ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައި ވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ.
އަދި، ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިދިޔަ މާރިޗް މަހުގެ 22ވަނަ ދުވަހު ހާމަކުރައްވައިފައެވެ.
މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިވާކަމުގެ ކަންބޮޑުވުން ދޭތެރެއަކުން ފެންމަތިވެއެވެ. އެކަމަކު، މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އެއްވެސް މަސްވެރިއަކަށް ތެޔޮ ލިބުމުގައި ދައްޗެއް ކުރިމިތިވިޔަ ނުދޭން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.