ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ފަނޑިޔާރު ޖަމީލް އައްޔަންކުރަން ނިންމައިފި

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު ޖަމީލަކީ ފަނޑިޔާރުކަމުގެ ދާއިރާގައި ފަނަރަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

  • ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޖަމީލް އައްޔަންކުރަން ނިންމުން
  • މަގާމު ހުސްވީ ކުރީގެ އިސްފަނޑިޔާރު ސުޕްރީމް ކޯޓަށް އައްޔަންކުރުމުން
  • ފަނޑިޔާރު ޖަމީލަކީ 15 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެއް
  • ހައިކޯޓުގެ އިދާރީ ހިންގުމާއި ބެންޗުތައް އެކުލަވާލުން މީގެ ފަހުން ބަލަހައްޓަވާނީ އޭނާ

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން މިއަދު ނިންމައިފިއެވެ.

ޖަމީލް، ހައިކޯޓުގެ އިސްފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މިއަދެވެ. އެކަމަކު، އެކަން ޖޭއެސްސީން އަދި ހާމައެއް ނުކުރެއެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލާ އެކު ދެން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އަދި މުހައްމަދު ޝަނީޒެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، އޮގަސްޓް 3، 2025 ގައެވެ. ނޮވެންބަރު 19، 2025 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.

ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.

ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގެ ޤާނޫނުގައެވެ.

އެ ޤާނޫނުގައި ބުނެފައިވާ ގޮތުން، ހައިކޯޓުގެ އިސްފަނޑިޔާރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައިކޯޓުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާއި ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗުތައް އެކުލަވާލުމާއި، އެ މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިސްފަނޑިޔާރަކީ ހައިކޯޓުގެ ފަރާތުން އެހެން މުއައްސަސާތަކާ މުއާމަލާތްކުރައްވާ އެންމެ އިސް ފަރާތެވެ. އަދި، ހައިކޯޓުން ނެރޭ އަމުރުތަކާއި، ކުރާ ޙުކުމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަން ބެލެހެއްޓުމަކީ ވެސް އިސްފަނޑިޔާރުގެ ޒިންމާއެކެވެ. އަދި، ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޯޓުގެ އެތެރޭގެ ހިންގާ ގަވާއިދުތައް ތަންފީޒުކުރުމަކީ ވެސް ޤާނޫނީ ގޮތުން އިސްފަނޑިޔާރަށް މަތިކޮށްފައިވާ މުހިންމު މަސްއޫލިއްޔަތުތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް