މަޖިލިސް ސުޕަމެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ދަށްނުވި ސަބަބު ސައީދަށް ވިދާޅު ނުވެވުނު

މިނިސްޓަރު ސައީދު: ޑޮލަރުގެ އަގު ދަށްނުވި ސަބަބުން ބުނެ ނުދެވުނު -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ދަށްކުރާނެ ކަމަށް ކުރިން ވެފައިވާ ވައުދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މިއަދު މަޖިލީހުގައި ސުވާލުކުރެވުނެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، މިނިސްޓަރު ވަނީ ސަރުކާރަށް ލިބުނު މަޖިލިސް މެޖޯރިޓީގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބޭރު ފައިސާ ދޫކުރި މިންވަރު އިތުރުކުރެވިފައިވާ ކަމަށާއި، ފޮރިން އެކްސްޗޭންޖް ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިދިކޮޅު މެންބަރުން ވަނީ މިނިސްޓަރުގެ ޖަވާބާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • މަޖިލިސް ސުޕަމެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ދަށްވާނެކަމުގެ ވައުދާ ގުޅޭގޮތުން މިނިސްޓަރު ސައީދާ ސުވާލުކުރެވުނެވެ.
  • ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި މިނިސްޓަރު ދެއްކެވީ މަޖިލިސް ކާމިޔާބީގެ ވާހަކައެވެ.
  • މިހާތަނަށް ވިޔަފާރިތަކަށް 106.2 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
  • ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވަނީ ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވެވަޑައިގެންނެވި ވައުދާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކީ، މަޖިލިސް ކެމްޕޭނުގެ ތެރޭގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެކަން އެގޮތަށް ނުވީ ކީއްވެގެންތޯއެވެ. އަދި، މިހާރު ކަޅު ބާޒާރުގައި 20 ރުފިޔާއަށްވުރެ މަތީގައި ހުރި ޑޮލަރުގެ އަގު ތިރިވާނީ ކޮން އިރަކުންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.

މެމްބަރު ޒިޔާދުގެ މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ބޮޑަށް އަލިއަޅުއްވާލެއްވީ މަޖިލިސް މެޖޯރިޓީ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީގެ މައްޗަށެވެ.

މިނިސްޓަރު ސައީދު މަޖިލީހުގައި: ޑޮލަރުގެ އަގު ދަށްނުވާ ސަބަބެއް ވިދާޅެއް ނުވޭ -- ފޮޓޯ/ މަޖިލިސް

"މަޖިލީހުގެ މެޖޯރިޓީ ލިބިގެންދިއުމަކީ ދިވެހިރާއްޖަށް ފަހުން ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބު،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާ އެކު ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ އަގު ތިރިނުވެ އުޅޭ ސަބަބާ ގުޅޭގޮތުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ވިޔަފާރިތަކަށް ބޭރު ފައިސާ ދޫކޮށްފައިވާ މިންވަރަކީ 106.2 މިލިއަން ޑޮލަރު ކަމަށެވެ. މިއީ އެވްރެޖުކޮށް މަހަކު 35.4 މިލިއަން ޑޮލަރު ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް މީގެ ކުރިން އެއްވެސް ވެރިޔަކަށް ގެންނަން ކެރިވަޑައިނުގެންނެވި ފަދަ ބަދަލުތަކެއް މި ސަރުކާރުން ގެންނަވާފައިވާ ކަމަށެވެ.

https://sun.mv/211603

ނަމަވެސް، މެންބަރު ޒިޔާދު ކުރެއްވި ސުވާލަށް ފުރިހަމަ ޖަވާބެއް ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިގުތިސާދީ ގޮތުން ދަތިތަކާ ކުރިމަތިވެ، ރާއްޖެއަށް ބޭރުގެ ފައިސާގެ ދަތިކަން ވަނީ ބޮޑުވެފައެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވަނީ ވެފައެވެ. އެކި ފަހަރު މަތިން ޑޮލަރުގެ އަގު ދަށްކުރަން އެކި ތާރީޚުތައް ދިން ނަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް