ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މި ސަރުކާރުން އުވާލި، ލޯކަލް ކައުންސިލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މޫސާ ފަތުހީ އާދަމް އައްޔަނުކޮށްފިއެވެ.
ކޮންގްރެސް ޕާޓީން މިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މި މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒު ހަލީމަކީ މިހާރު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުއާޒު ސޯޝަލް މީޑިއާގައި ވިދާޅުވީ، ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.
އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒު ހަލީމް ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހެވެ. އެއީ އޭރު އެ ޒިންމާތައް ފުރުއްވި ޒީނާޒު އަދުނާންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.