އާމިރު ޕްރޮޑިއުސްކުރާ ފިލްމު 'ލާހޯރު 1947'ގެ ނަން 'ބަޓްވާރާ 1947'އަށް ބަދަލުކުރަނީ

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން އަދި ޑައިރެކްޓަރު ރާޖްކުމާރު ސްންތޯޝީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމު 'ލާހޯރް 1947' ގެ ނަން 'ބަޓްވާރާ 1947' އަށް ބަދަލުކުރުމަށް އުފެއްދުންތެރިން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ސަނީ ޑިއޯލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ 1980 ވަނަ އަހަރު ސައްޔިދު އަސްޣަރު ވަޖާހަތު ލިޔުއްވި ތަމްސީލު 'ޖިސް ލާހޯރް ނައި ދޭކިޔާ' ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިއީ އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު ހިނގާ ހާދިސާތަކެއް ދައްކުވައިދޭ، އިންތިޒާރުކުރެވެމުންދާ ފިލްމެކެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ނަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ބެލެވޭއިރު، ފިލްމު ރިލީޒްކުރާނެ ކަމަށް ލަފާކުރެވެނީ އޮގަސްޓު މަހު އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.

  • ފިލްމު 'ލާހޯރް 1947' ގެ ނަން 'ބަޓްވާރާ 1947' އަށް ބަދަލުކުރުމަށް ވަނީ މަޝްވަރާކުރެވިފައި.
  • މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސަނީ ޑިއޯލް.
  • ފިލްމު ބިނާކޮށްފައިވަނީ 'ޖިސް ލާހޯރް ނައި ދޭކިޔާ' ނަމަކަށް ކިޔާ މަޝްހޫރު ތަމްސީލެއްގެ މައްޗަށް.
  • ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހު އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން.

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން އަދި ރާޖްކުމާރު ސްންތޯޝީ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމު "ލާހޯރް 1947" ގެ ނަން "ބަޓްވާރާ 1947"އަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް-ޑޭގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މި ތާރީޚީ ފިލްމަށް ވަގުތީ ގޮތުން "ބަޓްވާރާ 1947"ގެ ނަން ވަނީ ދީފައެވެ.

ބޮލީވުޑް ހަންގާމާއަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، ފިލްމުގެ އުފެއްދުންތެރިން އެންމެ ބޭނުންވަނީ މި ނަމެވެ. ފިލްމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން އެއްބަސްވުމުން މި ނަން ރަސްމީ ކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި މިކަން ރަސްމީކޮށް އިއުލާނުކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ކުރީގެ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، "ލާހޯރް 1947" އަކީ މަޝްހޫރު ތަމްސީލު ޑްރާމާ "ޖިސް ލާހޯރް ނައި ދޭކިޔާ"ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ހިނގަނީ ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ލާހޯރުގައި، މިނިވަންކަމުގެ ދުވަސްވަރު ކަމަށްވާތީ، "ލާހޯރް 1947" އަކީ ފިލްމަށް އެކަށީގެންވާ ނަމެއް ކަމަށް ބެލެވުނެވެ. ނަމަވެސް، ފިލްމުގެ ވާހަކައާ މާ ބޮޑަށް ގުޅޭ، މިއަށްވުރެ ރަނގަޅު ނަމެއް ބޭނުންކުރުމަށް އުފެއްދުންތެރިން މިހާރު ބޭނުންވެއެވެ.

ސަނީ ޑިއޯލް އަދި އާމިރު ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ފިލްމުގެ އަސްލު ބިނާވެފައިވާ "ޖިސް ލާހޯރް ނައި ދޭކިޔާ" އަކީ 1980 ވަނަ އަހަރު ސައްޔިދު އަސްޣަރު ވަޖާހަތު ލިޔުއްވި ތަމްސީލެކެވެ. މިއީ އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރު، ލަކްނައު އިން ލާހޯރަށް ހިޖުރަކުރާ މުސްލިމް އާއިލާއެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.

އެ އާއިލާއަށް ދިިރިއުޅެން ލިބެނީ ހިންދޫ އާއިލާއަކުން ދޫކޮށްފައި ދިޔަ ބޮޑު ގެއެކެވެ. ނަމަވެސް އެ ގޭގައި ކުރިން އުޅުނު މުސްކުޅި ހިންދޫ އަންހެނަކު އެ ގެއިން ނުކުންނަން އިންކާރުކޮށް، ހިޖުރަކުރި މުސްލިމް އާއިލާއާ ދެމެދު އާދަޔާ ޚިލާފު ގުޅުމެއް އުފެދިގެންދާ ގޮތް މި ވާހަކައިން ދައްކުވައިދޭނެއެވެ.

ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ މި ފިލްމަކީ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނަ ފިލްމެކެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށް ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭވަރު ވާނީ މި އަހަރުގެ އޮގަސްޓު މަހު ފާހަގަކުރާ އިންޑިއާގެ މިނިވަންދުވަހާ ގުޅުވައިގެން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް