ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

އައިޖީއެމްއެޗް: ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ވަނީ ނިންމައިފައި -- ފޮޓޯ/ މާނިއު މުހައްމަދު

ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ތިރީސް އަށް އަހަރުގެ ފިރިހެނަކު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަށާފައެވެ. އޭނާއަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާތާ މިހާރު ތިން ދުވަސް ވެފައިވާއިރު، އެއާއެމްބިއުލާންސް މެދުވެރިކޮށް އޭނާ ގެންނަން ހަމަޖެހިފައިވަނީ އައިޖީއެމްއެޗަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ހދ. ނޭކުރެންދުއަށް ނިސްބަތްވާ ތިރީސް އަށް އަހަރުގެ މީހަކަށް އަނިޔާވެފައިވުން
  • ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިއުން
  • އިތުރު ފަރުވާއަށް އެއާއެމްބިއުލާންސްގައި އައިޖީއެމްއެޗްއަށް ގެނައުން
  • މި ހާދިސާ ފުލުހުން ތަހުގީގުކުރަމުންދިއުން

ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އޭނާ އިތުރު ފަރުވާއަށް މިރޭ މާލެ ފޮނުވާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.

'ސަން'އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ރުކުން ވެއްޓުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ދަންވަރަށް އެއާއެމްބިއުލާންސް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރު ފަރުވާއަށް ގެންނަން ހަމަޖެހިފައިވަނީ އައިޖީއެމްއެޗަށް ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެ މީހާއަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ.

https://sun.mv/220820

މި ހާދިސާއާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރުކުން ވެއްޓުނު މީހާއަކީ އެ ދުވަހުވެސް ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.

އޭނާ ރުކުން ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލަރު މައުލޫމާތު ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް