އޮސްޓްރޭލިއާއިން ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ދިވެހި ސިފައިންނާ ހަވާލުކޮށްފި

19 އެޕްރީލް 2026: އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި ޕެޓްރޯލް ބޯޓުގައި ދިވެހި ދިދަ ޖަހައި، ދިވެހި ސިފައިން ބޯޓާ ހަވާލުވެފައި -- ފޮޓޯ: އޮސްޓްރޭލިއާ ޑިފެންސް މިނިސްޓްރީ

އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި ގާޑިއަން ކްލާސްގެ އެންމެ ފަހު ޕެޓްރޯލް ބޯޓު، ވެސްޓަން އޮސްޓްރޭލިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިންނާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި އުޅަނދުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ގަވާއިދާ ހިލާފު ކަންކަން ހުއްޓުވުމުގެ އިތުރުން ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަސްކަރީ ގުޅުމާއި އިތުބާރު ރަމްޒުކޮށްދޭ މުހިންމު ހަދިޔާއެކެވެ.

  • އޮސްޓްރޭލިއާއިން ގާޑިއަން ކްލާސްގެ ސައުވީސް ވަނަ ޕެޓްރޯލް ބޯޓު ރާއްޖެއަށް ހަދިޔާކުރުން
  • ބޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސްޓަން އޮސްޓްރޭލިއާގައި ބޭއްވުން
  • މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވުން
  • ދެ ގައުމުގެ ދިފާއީ ގުޅުމާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމަށް އިސްކަންދިނުން

އޮސްޓްރޭލިއާގެ "ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމް" ގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން "ގާޑިއަން ކްލާސް" ގެ އެންމެ ފަހު ޕެޓްރޯލް ބޯޓު، ވެސްޓަން އޮސްޓްރޭލިއާގެ އެޗްއެމްއޭއެސް ސްޓާލިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ބޯޓު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑަންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމާއި، އެސިސްޓަންޓް ސެކްރެޓަރީ ފޯ ނޯތު އެންޑް ސައުތު އޭޝިއާ ކެރެން ރެޑްފޯޑް ---- ފޮޓޯ: އޮސްޓްރޭލިއާ ޑިފެންސް މިނިސްޓްރީ

މި އައު އުޅަނދުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ގަވާއިދާ ހިލާފު ހަރަކާތްތައް ހުއްޓުވުމާއި، އިންސާނީ އެހީތެރިކަމާއި ކާރިސާގެ ވަގުތުތަކުގައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޮސްޓްރޭލިއާ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އަދި މިއީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް ލިބޭނެ އިތުރު ބާރެއް ކަމަށް ވެސް ބުންޏެވެ.

މިއީ އޮސްޓްރޭލިއާގެ އޮސްޓަލް ޝިޕްސްއިން ބަނދެގެން އެކުވެރި ގައުމުތަކަށް ފޯރުކޮށްދިން ގާޑިއަން ކްލާސްގެ 24 ވަނަ އަދި އެންމެ ފަހު ބޯޓެވެ.

އޮސްޓްރޭލިއާގެ ކޮމާންޑާ މެރިޓައިމް ބޯޑާ ކޮމާންޑް، ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ ވިދާޅުވީ ރާއްޖެއަށް މި ބޯޓު ހަދިޔާކުރުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ނަތީޖާއެއް ކަމަށެވެ. މިއީ ދެ ގައުމުގެ ދިފާއީ ގުޅުމުގެ ބިންގާ ކަމުގައިވާ އިތުބާރާއި، އިހުތިރާމާއި، އެއް މަގްސަދެއްގައި މަސައްކަތްކުރުން ދޭހަކޮށްދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

"މިއީ އޮސްޓްރޭލިއާގެ ބޯޓުފަހަރު ބަނުމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެއް. އިންޑިއާ ކަނޑުގެ ސަރަހައްދަކީ ސުލްހަވެރި، އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގައި އޮސްޓްރޭލިއާ ދެމިއޮންނާނެ،" އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ކޮމާންޑާ މެރިޓައިމް ބޯޑާ ކޮމާންޑް، ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ --

އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަަންޑަންޓް ބްރިގޭޑިއާ ޖެނެރަލް ސަލީމް ވަނީ މި ބޯޓު ހަދިޔާކުރީތީ އޮސްޓްރޭލިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"ކަނޑުގެ ސަލާމަތީ ގާބިލުކަން އިތުރުކުރުމަށް ތިޔަ ދެއްވި އެހީތެރިކަން އަޅުގަނޑުމެން ބަލައިގަންނަނީ ނުހަނު އަގުހުރި ހަދިޔާއެއްގެ ގޮތުގައި. އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުހުރި އަދި ދެމެހެއްޓެނިވި ބައިވެރިއެއް. އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި އޮސްޓްރޭލިއާ އާއި ބައިނަލްއަގުވާމީ އެހީތެރިންނާއެކު މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ."

އޮސްޓްރޭލިއާއިން މި ބޯޓު ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން އިިއުލާނުކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިދިޔަ އަހަރުގެ ޖޫން މަހެވެ.

comment ކޮމެންޓް