އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެތެރޭ ހިމެނޭ ޓީ-ސީރީޒްގެ ނަމުގައި މިއުޒިކް ވީޑިއޯގެ ފުރުސަތުތައް ދޭކަމަށް ބުނެ އޮޅުވާލައިގެން ބަޔަކު މީހުން މުއާމަލާތުތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
ފިލްމު އުފެއްދުމުގެ އިތުރުން މިއުޒިކް ތައްޔާރުކޮށްދޭ ޓީ-ސީރީސްއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައެއް ފަރާތްތަކުން ފޭކު އީމެއިލް އެކައުންޓުތައް ހަދައިގެން، މިއުޒިކް ވީޑިއޯތަކުން ފުރުސަތު ދޭނެކަމަށް ބުނެ އާންމުންނަށް އޮޅުވާލަމުންދާ ކަމަށެވެ.
އެ ކުންފުނީގެ ނަމުގައި އީމެއިލްއެއް ނުވަތަ އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާނަމަ އޭގެ ސައްހަކާމާމެދު ފަރުވާތެރިވެ ކަށަވަރުކުރުމަށް ޓީ-ސީރީޒްގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޓީ-ސީރީސްގެ ސީއީއޯ އަދި ފިލްމު ޕްރޮޑިއުސަރު ބުޝަން ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ އިތުރުން، އެ ކުންފުނިން ސާފުކޮށްދީފައިވާ ގޮތުގައި، އެއްވެސް ރަސްމީ މަސައްކަތަކާ ގުޅޭ މުއާމަލާތެއް ޖީމެއިލް ނުވަތަ އެނޫންވެސް އަމިއްލަ އީމެއިލް އެޑްރެސްތަކުން ނުކުރާނެއެވެ. އެއާ ޚިލާފަށް ހުރިހާ ރަސްމީ މުއާމަލާތެއް ހިނގާނީ ހަމައެކަނި ކުންފުނީގެ ރަސްމީ އީމެއިލް ޑޮމެއިންތައް މެދުވެރިކޮށް ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.
ޓީ-ސީރީޒް އިން ބުނި ގޮތުގައި، އެ ކުންފުންޏާ އެކު ކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއް ނުވަތަ ގުޅުމަކީވެސް ކަށަވަރު ކުރެވޭ ފަދަ ރަސްމީ ލިޔެކިޔުންތަކާއެކު ހިނގާނެ ކަންކަމެވެ. އެހެންކަމުން، އެފަދަ އޮޅުވާލުންތަކަށް ސަމާލުވުމަށާއި، ހުއްދަނެތް ފަރާތްތަކުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންވާ އާ ފަންނާނުންނަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމުގެ އަމަލުތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިތުރުވަމުން އަންނައިރު ގިނަ ފަހަރަށް މިފަދަ މީހުން އަމާޒު ކުރަނީ ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ ތަރިންނާއި، ލަވަކިޔުންތެރިން އަދި މޮޑެލްތަކަށެވެ.
ޓީ-ސީރީޒް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް މިއުޒިކް އަދި ފިލްމު ކުންފުނި ކަމަށްވުމާ އެކު، އެ ކުންފުނީގެ މަގުބޫލުކަމުގެ ބޭނުން ހިފައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން ފައިސާ ހޯދަން އުޅޭ ނަމަ ނުވަތަ އަމިއްލަ މައުލޫމާތު ހޯދަން މަސައްކަތް ކުރާ ނަމަ، އެއީ އޮޅުވާލުމެއްކަން ދަނެގަނެ، އެފަދަ ކަންކަމުން ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ.