ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާގެ ފުރަތަމަ އިންޓަނޭޝަނަލް ފިލްމު "52 Blue"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިއީ ނެހާގެ ފިލްމީ ކެރިއަރުގައި ބަތަލާ ފެންނާނެ އެންމެ ތަފާތު އަދި ވަރުގަދަ އެއް ރޯލެވެ. މިސްރުގެ މަޝްހޫރު ޑައިރެކްޓަރު އަލީ އަލް އަރަބީ އުފައްދާ މި ފިލްމަކީ، ފުޓުބޯޅައަށް ލޯބިކުރާ އިންޑިއާގެ ޒުވާނަކު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ހިޖުރަވެރި މަސައްކަތްތެރިއެއްގެ ގޮތުގައި ކުރާ އަސަރުގަދަ ދަތުރުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ނެހާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ކާމިޔާބު އެކްޓަރު އާދިލް ހުސައިންއެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ކުރީގެ ފިލްމުތަކާ ޚިލާފަށް، މި ފިލްމުގައި ނެހާ އަދާކުރަނީ ޒުވާން ފިރިހެން ކުއްޖެއްގެ މަންމަގެ ރޯލެވެ. މިއީ މުޅި ފިލްމުގެ ވާހަކަ އެކަމެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަދި އިހުސާސްތަކުން ފުރިގެންވާ ރޯލެކެވެ.

ފިލްމު "52 Blue"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އިންޑިއާގެ ކޮޗިންގައި މަންޒަރުތައް ނަގާފައިވާ "52 Blue"އަކީ އެކަހެރި ރަށެއްގައި ބައްޕަގެ ހަރުކަށި ބެލުމުގެ ދަށުގައި ބޮޑުވާ ފިރިހެން ކުއްޖެއްގެ ވާހަކައި ކިޔައިދޭނެ ފިލްމެކެވެ. މަންމަގެ ހިތްވަރާއި އެހީތެރިކަމާއެކު، ގައުމުގެ ބޯޑަރުތައް ހުރަސްކޮށް، ގަތަރުގައި އޮތް 2022ގެ ވޯލްޑް ކަޕަށް ގޮސް އޭނާގެ އެންމެ ބޮޑު ނަމޫނާ ކަމަށްވާ ލިއޮނަލް މެސީއާ ބައްދަލުކުރުމަށް ކުރާ އުންމީދީ ދަތުރު މި ފިލްމުން ދައްކުވައިދޭނެއެވެ.
ކައިރޯ އަދި ލޮސް އެންޖެލިސްގައި ގާއިމްވެފައިވާ "އެމްބިއަންޓް ލައިޓް" ބެނާގެ ދަށުން އަލީ އަލް އަރަބީ އުފައްދާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ތާރިގު އަލް ނާމާއެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނެހާ ބުނީ، "52 Blue"ގެ ކެރެކްޓާ އަކީ ފިލްމީ ކެރިއަރުގައި ކުޅުނު އެންމެ އަސަރުން ފުރިގެންވާ ކެރެކްޓާ ކަމަށެވެ.
މި ފިލްމަކީ ނެހާ އެއްވެސް މޭކަޕަކާ ނުލައި މަސައްކަތްކުރި ފިލްމެއް ނަމަވެސް އެއީ އޭނާ އެއްވެސް ވަރަކަށް ކަންބޮޑުވި ކަމެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "52 Blue" ވޮޝިންގްޓަން ޑީސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އިއްޔެ ޕްރީމިއާކުރި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.