ބޮލީވުޑްގެ ބަތަލާ އަދި މިހާރު ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޕަތުރަލެކާގެ ބަރުދަނަށް އައި ބަދަލާ އެކު ކުރީގެ ލޫޅާފަތިކަން ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވުމުން ބަތަލާގެ ވަރުގަދަ ރައްދެއް މީޑިއާ ރިޕޯޓަރުންނަށް އަމާޒުކޮށް ދީފިއެވެ.
ޕަޓްރަލޭކާގެ ސިފައަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް އިހުތިރާމްކޮށް، އޯގާތެރިވުމަށް ބަތަލާ ވަނީ މީޑިއާތަކަށް ގޮވާލާފައެވެ.
ދާދިފަހުން އަލަތު ދަރިފުޅު ލިބުނު ބަތަލާގެ ސިފަޔަށް އައިސްފައިވާ ބޮޑު ބަދަލުގެ ވާހަކަ ބަހުސަކަށްވެފައި ވަނީ ބަތަލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ޓޯސްޓާ"ގެ ސްކްރީނިންގްއަށް ފަހުއެވެ.
ފިލްމުގެ ހާއްސަ ސްކްރީނިންގްގައި ޕަތުރަލެކާ ބައިވެރިވެފައިވާއިރު އެ ހަފްލާގެ ފޮޓޯތައް މީޑިއާތަކުން ޝާއިއުކޮށްފައި ވަނީ މުޅިން ތަފާތު މައުޟޫއަކަށް ބިނާކޮށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ބަތަލާ ޕަތުރަލެކާ--ފޮޓޯ/ބޮލީވުޑްހަންގާމާ
އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބަތަލާއަށް މަލާމާތްކުރި ފަރާތްތަކަށް އަމާޒުކޮށް ބުނެފައި ވަނީ، އޭނާ އަކީ ދާދިފަހުން ކުއްޖަކު ދުނިޔެއަށް ގެނައުމުގެ ބުރަ އުފުލި މަންމައެއް ކަމަށެވެ. އެހެންކަމުން ޕަތުރަލެކާއަށް ބޮޑު ބައްޔެއް ޖެހުނީ ނޫން ކަމަށާއި ބަރުދަނަށް އިތުރުވެ ފަލަވީ ކައިގެން ނޫން ކަމަށް ބަތަލާ ބުނެފައިވެއެވެ.
ވިހެއުމުގެ އިތުރުން، އެއްފަހަރާ ދެ ފިލްމެއް އުފެއްދުމުގެ ބުރަ މަސައްކަތްކުރިއިރު އެއީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ޕަތުރަލެކޭ ބުނެފައިވެއެވެ. މާބަނޑުވުމާ ގުޅިގެން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް އިހުތިރާމްކޮށް މައިންނަށް އޯގާތެރި ބަސްތަކެއް މީޑިއާތަކުން ބުނުމަކީ އެހާ ބުރަ ކަމަކަށް ނުވާނެ ކަމަށް ޕަތުރަލެކާ ވަނީ ބުނެފައެވެ.
ޕަތުރަލޭކާގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އޭނާގެ ތެދުވެރިކަމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އަދި ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު މީހުން މިއަށްވުރެ ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އޭނާގެ މި މެސެޖުން ހާމަވެގެންދިޔައީ، މަޝްހޫރު ފަރާތްތަކަށް، ހާއްސަކޮށް ވިހެއުމަށް ފަހު، އެމީހުންގެ ސިފައާ ގުޅިގެން ކުރިމަތިވާ ނުފޫޒާއި ފިއްތުންތައް ކަމަށް އާއްމުންގެ ގިނަބަޔަކު ވަނީ އެއްބަސްވެފައެވެ.
އެކްޓަރު ރާޖްކުމާރު ރާއޯގެ އަންހެނުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 'ފޫލޭ' ނަމަކަށް ކިޔާ ފިލްމަކުންނެވެ.