ކައުންސިލް އިންތިޚާބު: ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން ފަށައިފި

އޭޕްރީލް 4 ވަނަ ދުވަހުގެ ވޯޓުލުމުގެ ތެރެއިން: ލޯކަލް ކައުންސިލް ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ؛ ހަވީރު 16:00ގައި ވޯޓު ފޮށިތައް ބަންދުކުރާނެ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ފުރަތަމަ ބުރުން ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ވަނީ ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 16:00 ގައި ވޯޓު ފޮށިތައް ބަންދުކުރާނެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާ އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ ޖުމްލަ 5 ދާއިރާއެއްގައެވެ.
  • ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ.
  • ވޯޓުލާ މަރުކަޒުތައް ރަށްރަށުގެ އިތުރުން މާލޭގައިވެސް ވަނީ ޤާއިމުކޮށްފައެވެ.
  • އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާނީ މާދަމާއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

ވޯޓުލުން މިއަދު ހެނދުނު 08:00ގައި ފެށިއިރު، ހަވީރު 16:00ގައި ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުންޏެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވެއެވެ.

އޭގެ ތެރެއިން ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ:

  • ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު

މި އިންތިޚާބުގައި ވޯޓުލާ މަރުކަޒު ގާއިމުކޮށްފައި ވަނީ ވޯޓުލާ ދާއިރާތަކަށް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ އިތުރުން މާލެ ސިޓީގައެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

comment ކޮމެންޓް