ކާތިކްގެ ފެންޓަސީ ކޮމެޑީ 'ނާގްޒިލާ' ރިލީޒްކުރުން ފަސްކޮށްފި

އިންޑިއާގެ އެކްޓަރު ކާތިކް އާރްޔަން ފިލްމު "ނާގްޒިއްލާ"ގެ ސެޓުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާތިކް އާރްޔަންގެ އާ ފިލްމު ނާގްޒިއްލާ ރިލީޒްކުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފިއެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ އޯގަސްޓް މަހުގައެވެ. ނަމަވެސް، ވަރުން ދަވަންގެ ބޭޅިޔާ ދޭއް ވެސް ހަމަ އެ މަހު ނެރޭތީ، ބޮކްސް އޮފީހުގެ ކުރިމަތިލުމަކުން ސަލާމަތްވުމަށްޓަކައި މި ފިލްމު ފަސްކުރީއެވެ.

  • ފިލްމު ނާގްޒިއްލާ ރިލީޒްކުރުން އަންނަ އަހަރުގެ ފެބްރުއަރީއަށް ފަސްކޮށްފި
  • ފަސްކުރި މައިގަނޑު ސަބަބަކީ ބޭޅިޔާ ދޭއް އާއި އެއް ދުވަސްވަރެއްގައި ރިލީޒްކުރަން ނުބޭނުންވުން
  • މިއީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، މިރްގްދީޕް ސިންގް ލަމްބާ ޑައިރެކްޓްކުރާ ފިލްމެއް
  • މި ފިލްމުގައި ކާތިކް ފެންނާނީ އިންސާނަކު ހަރުފައަކަށް ބަދަލުވާ ރޯލަކުން

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން މަސައްކަތް ފަށާފައިވާ ފެންޓަސީ ކޮމެޑީ ފިލްމު "ނާގްޒިލާ" ރިލީޒްކުރުން މި އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ، މިރްގްދީޕް ސިންގް ލަމްބާ ޑައިރެކްޓްކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ އޯގަސްޓް މަހުގައެވެ. ނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުތައް ބުނާ ގޮތުން މި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާ ގޮތަށް ނިންމާފައެވެ.

މި ފިލްމު ރިލީޒްކުރުން ފަސްކުރި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، ވަރުން ދަވަންގެ "ބޭޅިޔާ 2" ވެސް އޮގަސްޓް މަހު ރިލީޒްކުރާގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ. ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމައިފިނަމަ މިއީ ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާން ޖެހިދާނެ ކަމަކަށްވެފައި އެކަމުން ސަލާމަތްވުމަށް ކަރަންގެ ފިލްމު ފަސްކުރީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ފިލްމު "ނާގްޒިއްލާ"ގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "ނާގްޒިއްލާ"ގައި ކާތިކް ފެންނާނީ އިންސާނަކު ނާގަ ހަރުފައަކަށް ބަދަލުވާ ކެެރެކްޓާއިންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ "ނާގް ލޯކް"އިން އަންނަ ރޫޙާނީ މަޚްލޫޤަކަށް ކުރިމަތިވާ ނުރައްކާތަކެއްގެ މައްޗަށެވެ. މިއީ ތިން ބަޔަކަށް ބަހާލައިގެން އުފައްދާ ސީރީޒެއްގެ ފުރަތަމަ ފިލްމެވެ.

ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އަނަންޔާ ޕާންޑޭއާ އެކު ކުޅުނު ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"އިންނެވެ.

comment ކޮމެންޓް