"ފްލައިޓްތައް ކެންސަލްވެ، މާދަމާ ރާއްޖެ އަންނަން އޮތް 4000 ފަސިންޖަރުންނަށް ނާދެވޭ"

ވެލާނާ އެއާޕޯޓުގެ އޭޕްރަންގައި ބޯޓުތަކެއް -- ފޮޓޯ: އެމްއޭސީއެލް

މާދަމާ ރާއްޖެއަށް އައުމަށް ޝެޑިއުލްކޮށްފައިވާ ބައިނަލްއަޤުވާމީ ފްލައިޓުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލްވެ، 4،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ނާދެވޭ ކަމަށް ވިދާޅުވެ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާގު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވައި، އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ މުޙައްމަދު ފިރާޤު ވަނީ މިއީ ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ މި ދަނޑިވަޅަކީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، މުޅި ސިނާޢަތް ގުޅިގެން އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ވަގުތެއްކަމަށް ވިދާޅުވެފައެވެ.

ފިރާގު އާންމުކުރެއްވި މާދަމާގެ ފްލައިޓު ޝެޑިއުލަށް ބަލާއިރު، ރާއްޖެއަށް މާދަމާ އަންނަން އޮތް މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ގިނަ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ގަލްފް އެއާ އަދި އެއާ އެރޭބިއާ ހިމެނެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ މައިގަނޑު އެއާލައިންތަކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފްލައި ދުބާއީގެ ފަސް ދަތުރެއް، އެމިރޭޓްސްގެ ތިން ދަތުރެއް، އަދި ޤަތަރު އެއާވޭސްގެ ތިން ދަތުރެއް ވަނީ ކެންސަލްވެފައެވެ. މީގެ އިތުރުން އެއާ އެރޭބިއާ އާއި ގަލްފް އެއާގެ ދެ ދަތުރު އަދި އިއްތިހާދުގެ އެއް ދަތުރު ކެންސަލްވެފައިވާކަން ޝެޑިއުލުން ދައްކައެވެ.

ޝެޑިއުލުން ފެންނަ ގޮތުގައި ކެންސަލްވެފައިވާ ފްލައިޓުތަކުގެ ތެރޭގައި ބޮއިން 777 އަދި 787 ފަދަ ބޮޑެތި ބޯޓުތަކާއި، އެއާބަސް އޭ320 އަދި ބޮއިން 737 ފަދަ ބޯޓުތައް ހިމެނެއެވެ. މީގެ މާނައަކީ ދުރު ރާސްތާއިންނާއި ކުރު ރާސްތާއިން އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ދަތުރުކުރުމުގެ ފުރުސަތު ބަންދުވުމެވެ.

ފިރާޤު ފާހަގަކުރެއްވި ގޮތުގައި މި ކެންސަލޭޝަންތަކާއެކު ޖުމުލަ 4،000 އަށްވުރެ ގިނަ ގޮނޑި ވަނީ ހުސްވެފައެވެ. މިއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު އިންތިހާއަށް ބޮޑު ދަށްވުމެކެވެ.

މި ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފިރާޤު ވިދާޅުވީ، މިއީ ޤައުމަށާއި ޤައުމުގެ އިޤުތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ރާއްޖޭގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާއިރު، ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ނައިސް މަޑުޖެހުމަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ކުރާނެ ކަމެކެވެ.

ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ދޮރަކީ ފަތުރުވެރިކަން ކަމަށްވާއިރު، އެއް ދުވަހެއްގެ ތެރޭގައި 4،000 ފަތުރުވެރިން ނައުމަކީ ދައުލަތަށް ލިބޭ ޓެކްސް އާމްދަނީއާއި، ރިސޯޓު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

"މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކުރަންވީ ވަގުތެއް ނޫން. މިއީ އެންމެން ގުޅިގެން ފިޔަވަޅު އަޅަންވީ ވަގުތު،" ފިރާޤު އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ދަނޑިވަޅަކީ މުޅި ސިނާޢަތް އެކަތިގަނޑަކަށްވެ، މި ކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ވަގުތެކެވެ. ވަކި ފަރާތެއް ގޯސްކުރުމުގެ ބަދަލުގައި ހުރިހާ ސްޓޭކްހޯލްޑަރުން އެއް މޭޒެއްގެ ދޮށަށް އަންނަން ޖެހޭކަން އޭނާގެ ވާހަކައިން ސާފުވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފިރާޤު ވަނީ މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ ސިނާޢަތުގެ ހުރިހާ ބައިވެރިން ގުޅިގެން އައު މާކެޓުތަކަށް ވަނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ބޮޑެތި ޑިސްކައުންޓްތައް ދޭން ޖެހުނު ކަމުގައިވިޔަސް، އެކަން ކުރަންޖެހޭކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކާއި، އެހެން ގައުމުތަކުގެ ފަތުރުވެރިކަމުގެ މާކެޓުތަކުން ވާދަވެރިކަން ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި، ހަމައެކަނި އާދަވެފައިވާ މާކެޓުތަކަށް ބަރޯސާވެގެން ތިބެވެން ނެތްކަން ފިރާގު ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް