ފިލްމު 'އައްސީ' ޒީ5ގައި ސްޓްރީމްކުރަން ފަށައިފި

މި އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކުގައި އަޅުވައި ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމު 'އައްސީ' މާދަމާއިން ފެށިގެން ޒީ5 މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނެކަން ވަނީ އިއުލާނުކޮށްފައެވެ. އަނޫބަވް ސިންހާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރޭޕްގެ މައްސަލަތަކާއި މުޖުތަމައުގެ ފަރުވާކުޑަކަމާ ދެކޮޅަށް ވަކާލާތުކުރާ ގާނޫނީ ވަކީލެއްގެ މަސައްކަތް ދައްކުވައިދޭ ކޯޓްރޫމް ޑްރާމާއެކެވެ. ތާޕްސީ ޕަންނޫ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި، އިންސާފު ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނަފުސާނީ އަސަރުތައް ވަރަށް ފުރިހަމައަށް ހާމަކޮށްދީފައިވެއެވެ.

  • ފިލްމު 'އައްސީ' މާދަމާއިން ފެށިގެން ޒީ5 އިން ސްޓްރީމްކުރާނެ
  • މިއީ ރޭޕް މައްސަލަތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކޯޓްރޫމް ޑްރާމާއެއް
  • ދުވާލަކު 80 ރޭޕް ކޭސް ރިޕޯޓްކުރާކަމުގެ ހިތާމަވެރި ހަގީގަތް ފިލްމުން ހާމަކޮށްދޭ
  • ތާޕްސީ ޕަންނޫގެ ކެރިއަރުގައި ކުޅުނު އެންމެ ގޮންޖެހުން ބޮޑު އެއް ރޯލުކަމަށް އޭނާ ފާހަގަކުރި

މި އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކުގައި ރިލީޒްކޮށް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ކޯޓްރޫމް ޑްރާމާ ފިލްމު "އައްސީ" މާދަމާ ސްޓްރީމިންއަށް ދޫކޮށްލާނެކަން އިއުލާނުކޮށްފިއެވެ.

ބުޝަން ކުމާރު އަދި ކްރިޝަން ކުމާރުގެ އިތުރުން އަނޫބަވް ސިންހާ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ ޓީ-ސީރީސް ފިލްމްސްއާއި ބެނާރަސް މީޑިއާވޯކްސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.

މާދަމާއިން ފެށިގެން ފިލްމު "އައްސީ" ސްޓްރީމްކުރާނީ ޒީ5 މެދުވެރިކޮށެވެ. އަނޫބަވް ސިންހާ ޑައިރެކްޓްކޮށްފައިވާ "އައްސީ"ގެ ކާސްޓުގައި ތާޕްސީ ޕަންނޫ، މުޙައްމަދު ޒީޝާން އަައްޔޫބް، ކަނީ ކުސްރޫތީ، ރޭވަތީ، މަނޯޖް ޕަހްވާ، ކުމުދު މިޝްރާ، ނަސީރުއްދީން ޝާހް، ސުޕްރިޔާ ޕާތަކް އަދި ސީމާ ޕަހްވާ ފަދަ ހުނަރުވެރި ތަރިންތައް ހިމެނެއެވެ.

ކޯޓު ތެރޭގައި ހިނގާ ވަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ރޭޕްގެ އަނިޔާވެރި މައްސަލައަކާ ދެކޮޅަށް ވަކާލާތުކުރާ ގާނޫނީ ވަކީލެއްގެ ދައުރުގެ މައްޗަށެވެ. މިއީ ހަމައެކަނި ކުށަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށާއި އެހެންނަމަވެސް މުޖުތަމައުގައި މިފަދަ ކަންކަމާމެދު އޮންނަ ފަރުވާކުޑަކަމާ ދެކޮޅަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދޭނެ ކަމަށް ޓީ-ސީރިސްއިން ވަނީ ބުނެފައެވެ.

ފިލްމު "އައްސީ"ގެ މަންޒަރެއްގައި ބަތަލާ ތާޕްސީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 80 ރޭޕް ކޭސް ރިޕޯޓްކުރެވޭކަމުގެ ހިތާމަވެރި ހަގީގަތް މި ފިލްމުން ހާމަކޮށްދޭއިރު، ފިލްމުގައި ދައްކުވައިދެނީ އަނިޔާ ލިބުނު ފަރާތާއި އޭނާގެ ބައިވެރިޔާއަށް ކުރިމަތިވާ ނަފުސާނީ ތަދާއި، މުޖުތަމައުގެ ފާޑުކިޔުންތަކާއި، އިންސާފު ހޯދުމުގައި ގާނޫނީ ނިޒާމުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކެވެ.

ފިލްމު "އައްސީ"ގެ ލީޑް ބަތަލާ ތާޕްސީ ބުނީ، މި ފިލްމުގައި އޭނާ ކުޅުނު ރޯލަކީ މިހާތަނަށް ކެރިއަރުގައި ދިމާވި އެންމެ ގޮންޖެހުން ބޮޑު އެއް ކެރެކްޓާ ކަމަށެވެ. ފިލްމު "އައްސީ" އަކީ ބަލާލަން ފަސޭހަ ފިލްމަކަށް ނުވެދާނެ ކަމަށާއި އެހެންނަމަވެސް މިއީ ބަލަން މުހިންމު ފިލްމެއް ކަމަށް ތާޕްސީ ބުނެފައިވެއެވެ.

comment ކޮމެންޓް