ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާ އެކު ބޭރުކޮށްލީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ. ދެވަނަ ފަހަރަށް ބޭރުކޮށްލީ މިއަދެވެ.
ފުރަތަމަ ފަހަރު މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފައެވެ. މި ފަހަރު ބޭރުކޮށްލީ، މައްސަލައިގެ ތަފުސީލު ނެތް ކަމަށް ބުނެއެވެ.
ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިދިޔަ ނޮވެންބަރު މަހު ވަނީ ބުނެފައެވެ. އަދި، ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށާއި ލައިސަންސް ދޭ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއީ, ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާ އެކުގައެވެ.
އެހެންނަމަވެސް, ފަހަކަށް އައިސް މަސްވެރިން ވަނީ މިޔަރު ގިނަވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ކަށިމިޔަރު މަސްވެރިކަމުން ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެކަމަކު، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސްގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި، އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނަން ވަނީ ނިންމާފައެވެ.