ވާރޭވެހި، މާލޭގައި އަނެއްކާވެސް ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާފަންނުގައި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމުން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށާފައެވެ. މިއީ މާލެއަށް ދިމާވެފައިވާ ވަރަށް ދުވަސްވީ މައްސަލައެކެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި މި ދުވަސްވަރު ހޫނުގަދަ ނަމަވެސް ވާރޭވެހެނީ އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށާއި، އިހުސާސްކުރެވޭ ހޫނުމިން އަދިވެސް ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

  • މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި
  • މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަމުން ދަނީ
  • އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ
  • ވިއްސާރަކުރިޔަސް އިހުސާސްކުރެވޭ ހޫނުމިން އަދިވެސް ހުންނާނީ މަތީގައި

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައާއެކު ބޯކޮށް ވާރޭވެހި, މާލޭގެ މަގުތަކުގައި މިއަދު ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެގޮތުން ފަޔާ އެންޑް ރެސްކިއު ޓީމުން، މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރާކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

މާފަންނުގައި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެއަށް ވާރޭވެހުމާއެކު، ފެންބޮޑުވުމަކީ ގިނަ ދުވަސްވީއިރު ވެސް ހައްލު ނުވެ އޮތް މައްސަލައެކެވެ. ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން އެ މައްސަލަ ހައްލުކުރުމަށް، މަގު ހެދުމުގައި ވެސް ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ކާނުތައް ސާފުކުރުމުގެ މަސައްކަތް ވެސް ކުރެއެވެ.

މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުންނެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

https://sun.mv/220691

މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ނަމަވެސް، ވާރޭވެހި ވިއްސާރަކުރަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށް ބުނެފައެވެ.

އެހެންކަމުން ވިއްސާރަވެ ވާރޭވެހުނުކަމުގައިވީ ނަމަވެސް، އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

comment ކޮމެންޓް