އަލީ އައްބާސްގެ ފިލްމުގައި އަހާން ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލް

އިންޑިއާގެ ޒުވާން އެކްޓަރު އަހާން ޕާންޑޭ--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ އާ ފިލްމު ފިއާގައި ޒުވާން އެކްޓަރު އަހާން ޕާންޑޭ ކުޅުމަށް ހަމަޖެހިފައިވަނީ ގޭންގްސްޓާރެއްގެ ރޯލެވެ. މި ފިލްމަކީ އަނިޔާވެރި މާހައުލެއްގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެކްޝަން ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިހާރު މުމްބާއީގައި ފަށާފައިވާއިރު، ތަޖުރިބާކާރު އެކްޓަރު ޖިމީ ޝޭރްގިލް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

  • އަލީ އައްބާސް ޒަފަރުގެ އާ ފިލްމު ފިއާގައި އަހާން ޕާންޑޭ ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލެވެ.
  • މި ފިލްމުގައި ތަޖުރިބާކާރު އެކްޓަރު ޖިމީ ޝޭރްގިލް ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.
  • މިއީ އަނިޔާވެރި މާހައުލެއްގައި ހިނގާ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ އެކްޝަން ފިލްމެކެވެ.
  • މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ދެހާސް ހަތާވީސް ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

މިދިޔަ އަހަރު ފިލްމު "ސައްޔާރާ"އިން ބޮލީވުޑަށް ތައާރަފްވި ޒުވާން އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގައި އެކްޓަރު ފެންނާނީ ވަރަށް ވަރުގަދަ ގޭންގްސްޓާރެއްގެ ރޯލްއިން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޑައިރެކްޓަރު އަލީ އައްބާސް ގެނެސްދޭ މި ފިލްމުގެ ނަމަކީ "ފިއާ"އެވެ. އަހާންއާ އެކު މި ފިލްމުގެ މުހިއްމު ރޯލަކުން ތަޖުރިބާކާރު އެކްޓަރު ޖިމީ ޝޭރްގިލް ވެސް ފެންނާނެއެވެ. މިއީ 20ކަށް އަހަރަށް ފަހު ޖިމީ، ޔާޝް ރާޖް ފިލްމްސްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އޭނާ ކުރިން އެ ޕްރޮޑަކްޝަން ހައުސްއާ އެކު ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ޝާހްރުކް ޚާނާއެކު ފެނިގެންދިޔަ "މުހައްބަތޭން"އެވެ.

ފިލްމު "ސައްޔާރާ"ގައި އަހާން ކުޅެފައި ވަނީ ނަފްސާނީގޮތުން ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުންދިޔަ ކުޅަދާނަ މިއުޒީޝަނެއްގެ ރޯލެވެ. ނަމަވެސް އޭނާ ދެވަނަ ފިލްމުގައި ކުޅޭ ކެރެކްޓާ އަކީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށާއި އެ ރޯލަށް ފިޓުވުމަށްޓަކައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހާއްސަ ތަމްރީނުތަކެއް ވެސް އަހާން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެރައިޓީ ނޫހުގައި ބުނެފައިވެއެވެ.

އަހާން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ފިލްމުގެ ވާހަކައާއި އިތުރު ކާސްޓުންގެ ތަފްސީލު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އަނިޔާވެރި މާހައުލެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފޯރިގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ފިލްމީ ރިޕޯޓުތަކުން ވަނީ ސިފަކޮށްފައެވެ.

ފިލްމުގެ މަސައްކަތް މި މަހުގެ ތިން ވަނަ ދުވަހު މުމްބާއީގައި ފަށާފައިވާއިރު، މުމްބާއީގެ ޝެޑިއުލް މި މަސް ނިމެންދެން ކުރިއަށްދާނެއެވެ. އަދި އަންނަ މެއި މަހު ލަންޑަނުގައި ފިލްމުގެ އިތުރު ބައިތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ޖުލައި މަހު ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

comment ކޮމެންޓް