އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ވަރުން ދަވަންގެ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ކުރިއަށް އޮތް މެއި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ވަރުންގެ ބައްޕަ އަދި ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
ވަރުންގެ އިތުރުން މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ދެން ފެންނާނީ ޕޫޖާ ހެގްޅޭ އަދި މްރޫނާލް ތާކުރުއެވެ. މީގެއިތުރުން، މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، ޖިމީ ޝެރްގިލް، މަނީޝް ޕޯލް އަދި މަނޯޖް ޕަހްވާ ފަދަ ތަރިން ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.
ވަރުން ވަނީ މީގެކުރިންވެސް ބައްޕަ ޑޭވިޑްއާ އެކު މަސައްކަތްކޮށްފައެވެ. އެއީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޭ ތެރާ ހީރޯ"، 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޖުޅްވާ 2" އަދި 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކޫލީ ނަމްބަރު 1"އެވެ. މި ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ވަރުން ބައްޕަ އަދި ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަންއާ އެކު--ފޮޓޯ/ޕިންކްވިލާ
އެހެންކަމުން ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"އާ މެދު ކުރެވޭ އުއްމީދުތައް ވެސް ބޮޑެވެ. ވަރުންގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ 2022ވަނަ އަހަރު ކުޅުނު ފިލްމު "ބޭޅިޔާ"ގެ ސީކުއަލް އަދި "ނޯ އެންޓްރީ 2" ހިމެނެއެވެ. މި ފިލްމުތައް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމު "ބޯޑާ 2"އިންނެވެ.