އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެތެރޭ ހިމެނޭ އަކްޝޭ ކުމާރުގެ ލަގްޒަރީ އެޕާޓްމަންޓެއް ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި އެޕާޓްމަންޓަކީ މުމްބާއީގެ އަންދޭރީއިން އެކްޓަރު ގަނެފައިވާ ޑުޕްލެކްސް އެޕާޓްމަންޓެކެވެ. އިންޑިއާގެ ފިލްމީ ހަބަރުތައް ބުނާގޮތުން މި އެޕާޓްމަންޓް ކުއްޔަށް ދޫކޮށްފައި ވަނީ މަހަކު 1.44 ލައްކަ ރުޕީސްއަށެވެ.
ޕްރޮޕަޓީ ރެޖިސްޓްރޭޝަންގެ މަޢުލޫމާތުތަކާ ހަވާލާދީ "ސީއާރުއީ މެޓްރިކްސް"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭގެ މި އެޕާޓްމަންޓް ކުއްޔަށް ދޫކޮށްފައި ވަނީ އިންޑިއާގެ އެންމެ ޒުވާން ވައިޑް-ބޮޑީ އެއާކްރާފްޓް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޕައިލެޓް އެނީ ދިވްޔާއަށެވެ.
ނިއު ލިންކް ރޯޑްގައި ހުންނަ އޮބެރޯއީ ކޮމްޕްލެކްސްގެ "ސްކައި ޕޭން" އިމާރާތުގެ 11 އަދި 12 ވަނަ ފަންގިފިލާގައި ހުންނަ މި އެޕާޓްމަންޓަކީ ޓެރަހަކާ އެކު ހިމެނޭ ތަނެކެވެ.

އަކްޝޭ މުމްބާއީގެ ޖުހޫގައި ހުންނަ އެކްޓަރު ދިރިއުޅޭ ގޭގައި އަންހެނުން ޓްވިންކަލްއާ އެކު--ފޮޓޯ--/މިޑްޑޭ
ރެޖިސްޓްރޭޝަން ރެކޯޑްތަކުގައިވާ ގޮތުން މި ތަނުގެ ވެރިފަރާތަކީ އަކްޝޭ ކުމާރުގެ އަސްލު ނަން ކަމަށްވާ އަކްޝޭ ކުމާރު ބާޓިއާއެވެ. މުމްބާއީގެ ކުލީގެ ބާޒާރުގައި އާންމުކޮށް ކަންކުރާ އުސޫލާ ހިލާފަށް، މި އެއްބަސްވުމުގައި ކުލި އިތުރުވާނެ އުސޫލެއް ހިމަނާފައެއް ނުވެއެވެ. އަދި މި މުޢާމަލާތުގައި ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ނަގާފައެއް ނުވެއެވެ.
އަހަރެއްގެ މައްޗަށް އެންމެ ގިނަ ފިލްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ އެކްޓަރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ބޫތު ބަންގްލާ"އިންނެވެ.
ރިޕޯޓުތައް ބުނާގޮތުން މުނިފޫހިފިލުވުމުގެ ދާއިރާއިން އަހަރެއްގެ މައްޗަށް އަކްޝޭއަށް ލިބޭ އާމްދަނީގެ އަދަދު 480 ކްރޯޑު ރުޕީސްއަށް އަރައެވެ.
އަކްޝޭގެ އަމިއްލަ ނަމުގައި އިންޑިއާގެ ގޯއާގައި ލަގްޒަރީ ގެއެއް ހުރިއިރު ކެނެޑާގެ ޓޮރޮންޓޯ އަދި މޮރިޝަސްއިން ވެސް އެކްޓަރު ވަނީ ލަގްޒަރީ އެޕާޓްމަންޓެއް ގަނެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.