ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ އާއި ޓީ-ސީރީސް ގުޅިގެން އުފައްދާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އޮޕަރޭޝަން ސިންދޫރު"އަށް އެކްޓަރު ވަރުން ދަވަން ގެންނަން ނިންމައި އެކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "އޮޕަރޭޝަން ސިންދޫރު"އަށް ވަރުން ގެންނަން ނިންމީ ޓީ-ސީރީސްއިން ދާދިފަހުން ގެނެސްދިން ފިލްމު "ބޯޑާ 2"ގައި އެކްޓަރު ކުޅުނު ކެރެކްޓާގެ ފުރިހަމަކަމާއި އެ ކެރެކްޓާގައި ވަރުން ދެއްކި އެކްޓިންގް ހުނަރު މޮޅުކަމުންނެވެ.
ޓީ-ސީރީސްގެ އިތުރު ފިލްމަކުން ވަރުންއަށް ފުރުސަތު ލިބިފައިވާއިރު ދަރުމާ ޕްރޮޑަކްޝަންސް، މެޑޮކް އަދި ސާޖިދުނަދިއަދުވާލާގެ ފިލްމު ކުންފުނިން ވެސް އެކްޓަރަށް ފުރުސަތުތަކެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
"އޮޕަރޭޝަން ސިންދޫރު" އަކީ އިންޑިއާގެ އަސްކަރިއްޔާއިން ރިޓަޔާކޮށްފައިވާ ކުރީގެ ލެފްޓިނެންޓް ޖެނެރަލް ކޭޖީއެސް ދިލަން އެ ނަމުގައި ލިޔެފައިވާ ފޮތް "އޮޕަރޭޝަން ސިންދޫރު: ދި އަންޓޯލްޑް ސްޓްރީ އޮފް އިންޑިއާސް ޑީޕް ސްޓްރައިކްސް އިންސައިޑް ޕާކިސްތާން"އަށް ބިނާކޮށް އުފައްދަން ހަމަޖެހިފައިވާ ފިލްމެކެވެ.
މި ފިލްމު ވަރުންއަށް ހުށަހެޅުމާ އެކު އެކްޓަރު ވަނީ ފިލްމުގެ ނެރޭޝަންއަށް ޝައުގުވެރިވާކަން ފާޅުކޮށްފައި ކަމަށާއި ނަމަވެސް ފިލްމަށް ސޮއިކުރުމާ މެދު ވަކިގޮތެއް ނިންމާނީ ފިލްމުގެ ސްކްރިޕްޓް އެއްކޮށް އަޑު އަހާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ، ޕްރޮޑިއުސަރު ބުޝަން ކުމާރު އަދި އެކްޓަރު ވަރުން ދަވަން--ފޮޓޯ/މިޑްޑޭ
ވަރަށް ތަފާތު މައުޟޫއުތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދާ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ އާއި ޓީ-ސީރީސް ގުޅިގެން އުފައްދާ "އޮޕަރޭޝަން ސިންދޫރް" އަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ކަޝްމީރުގެ އިންޑިއާވީ ފަޅީގައި އޮންނަ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާގައި 26 މީހަކު މަރާލި ހާދިސާއަސް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ވިވެކް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބެންގާލް ފައިލްސް"އެވެ.