މި ސަރުކާރުގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެކަން އެގޮތަށް އެ ކުރެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން, ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ, ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޤަބޫލުފުޅުކުރައްވައިފައިވާ ކަމަށެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އިސްތިއުފާ ދެއްވި ވަޒީރުން:
- ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
- ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް
- ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
- ސަފާގަތާއި ބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
- ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަރްޔަމް މާރިޔާ
- ޒުވާނުންގެ މިނިސްޓަރު އިބްރާހީމް ވަޙީދު
- ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
- ހަޔާ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު
ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.
އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ.