ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ އިސްތިޢުފާ ރައީސް ޤަބޫލުފުޅުކުރައްވައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ވަނީ، މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އާދަމް ނަސީރުގެ އިތުރުން މިއަދު އިސްތިޢުފާދެއްވި ނުވަ ވަޒީރުންނަކީ:
- ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
- ފޮރިން އެފެއާޒް މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
- ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް
- ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް
- ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަޙީދު
ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސްގެ މިނިސްޓަރު އާދަމް ޝަރީފު ޢުމަރު - ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު
ރައީސްގެ ކެބިނެޓުގައި ދެން ތިއްބަވާނެ ބޭފުޅުންނަކީ:
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- ހޯމް މިނިސްޓަރު އަލީ އިހުސާން
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ކޮންސްޓްރަކްޝަން، ހައުސިން، އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.
އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފައެވެ.
މީގެ އިތުރުން ސަރުކާރާ ގުޅުންހުރި އިތުރު ބައެއް ބޭފުޅުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފައިވެއެވެ.