އެކްސިޑިޓެންޓުތަކުގައި އަނިޔާވާ މީހުންނަށް ބޭސްފަރުވާގެ ކަންކަން ކުރިއަށްދަނީ ވަރަށް ހަރުދަނާކޮށް: ދީދީ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ: ވިދާޅުވީ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ދާއިމީ ބޭސްފަރުވާގެ ކަންކަން ވެސް އާސަންދައިގެ ތެރެއިން ވަރަށް ރަނގަޅަށް ކުރިއަށް ދާކަމަށް.--- ފޮޓޯ: މަޖިލިސް

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށާއި ދާއިމީ ބޭސްފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ހަރުދަނާ އިންތިޒާމުތައް މިހާރުގެ ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސްގެ އިސްލާހަކީ އެމްޑީޕީން ރައްޔިތުންނަށް ގެއްލުންދީ، ސަރުކާރު ބަދުނާމުކުރުމަށް ރާވައިގެން ހުށަހެޅި މަކަރުވެރި އަދި ހީލަތްތެރި އިސްލާހެއް ކަމަށް އޭނާ ވަނީ މަޖިލީހުގައި ތުހުމަތުކުރައްވާފައެވެ. އަދި އާސަންދައިގެ ނިޒާމަކީ ފައިދާހުރި ނިޒާމެއް ނަމަވެސް، އެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އިސްލާހުތަކެއް ބޭނުންވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

  • އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އާސަންދައިން ހަރުދަނާ ފަރުވާ ލިބޭކަން
  • އެއްގަމު އުޅަނދުތަކުގެ ކޮމްޕްރިހެންސިވް އިންޝުއަރެންސް އިސްލާހަކީ މަކަރެއް ކަމަށް ދީދީ ސިފަކުރެއްވުން
  • މި އިސްލާހުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް ފައިސާ ހޯދުމާއި ސަރުކާރާމެދު ނުރުހުން އުފެއްދުން ކަމަށް ތުހުމަތުކުރުން
  • އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އިސްލާހުކުރަން ޖެހޭކަން އޮޑިޓްތަކުން ފާހަގަކުރުން

ރާއްޖޭގައި އެކްސިޑެންޓްތަކުގައި އަނިޔާވާ ފަރާތްތަކަށާއި ދާއިމީ ބޭސްފަރުވާ ބޭނުންވާ މީހުންނަށް އާސަންދައިގެ ތެރެއިން މިހާރުވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ސިޔާސީ މަކަރެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، އެއްގަމު އުޅަނދުތައް ދުއްވަންވާނީ އެކްސިޑެންޓެއްގައި ލިބޭ ގެއްލުންތަކާއި، އުޅަނދަށާއި ދުއްވާ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭ ފަދަ ފުރިހަމަ އިންޝުއަރެންސް އެއްގެ ދަށުން ކަމަށް ބަޔާން ކުރާ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

އެ އިސްލާހާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު އިބުރާހީމް ދީދީ ވިދާޅުވީ، އުޅަނދުތައް އިންޝުއަރެންސް ކުރުމުގެ މިހާރުގެ ނިޒާމަކީ ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުން ހުށަހެޅި 'ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް'ގެ އިސްލާހަކީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން އައިސްފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިއްޒަތްތެރި މެމްބަރު މުޙައްމަދު އިބުރާހީމަށް އަޅުގަނޑު ދަންވާލަން ބޭނުންވަނީ، މިއީ ވަރަށް ހީލަތްތެރި، މަކަރުވެރި، ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދިނުމުގެ ނިޔަތުގައި ރާވައިގެން އެމްޑީޕީން ހުށަހަޅައިގެން އުޅޭ އިސްލާހެކޭ އަޅުގަނޑު މި އިސްލާހަށް ތާއީދެއް ނުކުރަން
މެންބަރު އިބްރާހިމް ދީދީ

ދީދީ ތުހުމަތު ކުރެއްވި ގޮތުގައި މި އިސްލާހުގެ ފަހަތުގައި އޮތީ ދެ މަގްސަދެކެވެ. އެއީ އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދުމާއި، ރައްޔިތުންގެ އަތުން ބޮޑެތި ފީތައް ނަގައި ސަރުކާރާ މެދު ނުރުހުން އުފެއްދުމެވެ.

މީގެ އިތުރުން ދީދީ ވިދާޅުވީ، އެމްޑީޕީން މިފަދަ ނާޒުކު ވަގުތެއްގައި މި އިސްލާހު ހުށަހެޅީ ރައްޔިތުންނަށް ދަތިކޮށް ސަރުކާރު ބަދުނާމު ކުރުމަށް ކަމަށެވެ. އަދި މިފަދަ ބިލުތައް މެންބަރު ކުޑޫ މެދުވެރިކޮށް ހުށަހަޅަނީ އޭނާގެ އަބުރު ގެއްލުވާލުމަށް އެމްޑީޕީން ރާވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދީދީގެ ވާހަކަ ނިންމާލަމުން ފާހަގަކުރެއްވީ، މިހާރުގެ ސަރުކާރުން އިންޝުއަރެންސްގެ ކަންކަން ހަމަޖައްސާފައިވަނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށާއި، ޚާއްސަކޮށް އާސަންދައިގެ ޚިދުމަތްތަކަކީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށެވެ.

ދައުލަތުން ޚަރަދުކޮށްގެން ހިލޭ ބޭސްފަރުވާ ކޮށްދޭ އާސަންދަ ނިޒާމުން، ސިއްހީ މައްސަލަތައް ހުންނަ ގިނަ ބަޔަކަށް ފައިދާތައް ލިބުނު ނަމަވެސް، އެ ނިޒާމު މިހާރު ހިންގަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ބުނެއެވެ. އެގޮތުން، އެ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށް، އޮޑިޓްތަކުގައި ފާހަގަކޮށް، ބޭރުގެ އިދާރާތަކުން ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް