ނައީމާގެ މަރު: ދިފާއީ ވަކީލުން ބިޒީވެގެން ހެކިބަސް ނެގުން ހުއްޓިފައި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނަދޫގައި 2023 ވަނަ އަހަރުގެ އޭޕްރިލް މަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް ވަނީ މަޑުޖެހިފައެވެ. މިކަން ދިމާވީ މައްސަލައިގައި ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ބިޒީވުމުގެ ސަބަބުންނެވެ. ދައުލަތުން މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރާއިރު، ދައުލަތުން ބުނާގޮތުގައި ނައީމާ މަރާލާފައިވަނީ އޭނާއަކީ ސިހުރު ހަދާ މީހެއްކަމަށް ތުހުމަތުކޮށްގެންނެވެ. ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

  • ދިފާއީ ވަކީލުންނަށް ވަގުތު ނުދެވުމުގެ ސަބަބުން ހެކިބަސް ނެގުން ހުއްޓިފައި.
  • މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށް.
  • ދައުލަތުން ތުހުމަތުކުރާ ގޮތުގައި މަރުގެ ސަބަބަކީ ސިހުރު ހަދާކަމުގެ ތުހުމަތު.
  • ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި.

ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި އޭޕްރިލް 7، 2023ގައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ބިޒީ ވެގެން އިއްޔެ ވެސް ހެކިބަސް ނެގުން ހުއްޓާލަން ޖެހިއްޖެއެވެ.

އެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ،

- ނ. މަނަދޫ ވިނަރެސް، ޙަސަން ފަވާޛު
- ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު،
- ނ. މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސް


ތިން މީހުންގެ ތެރެއިން، ފަވާޛު ހުރީ، ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކޮށްލާފައެވެ. އަނެއް ދެ މީހުން ތިބީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާއިރު، ދިފާއީ ވަކީލުން ބިޒީވެގެން ހޯމަ ދުވަހު އޮތް ޝަރިއަތްވެސް ޖެހުނީ މެދު ކަނޑާލާށެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މަރާލީ އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށްގެން ކަން ސާބިތުކުރަން ދައުލަތުން ކުރިންވަނީ ޝަރިއަތަށް ހެކި ހުށަހަޅައިފައެވެ. ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތައް ނ. މަނަދޫގައި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް، އެ ވާހަކަތައް ދައްކަމުން ދިޔަކަން ސާބިތު ކުރަން ވެސް ދައުލަތުން ހެކި ހުށަހެޅި އެވެ.

ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކުވަނީ ދައުވާއަށް ކުރިން އިންކާރުކޮށްފަ އެވެ.

comment ކޮމެންޓް