ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބު: ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަނެއްކާވެސް ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައެވެ. މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ޚާއްޞަ ކެޓަގަރީތަކަށްވެސް ފޯމު ހުށަހެޅޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 7،900 ފުލެޓާއި 15،000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

  • ގޯއްޗާއި ފުލެޓަށް އެދުމުގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރުކުރުން
  • ވެށިފަހި މާލެ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
  • 7،900 ފުލެޓާއި 15،000 ގޯތި މި ޕްރޮގްރާމުގެ ދަށުން ދޫކުރުން
  • މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓު އަދި އެހެނިހެން ފަރާތްތަކަށް 3،900 ފުލެޓު ކަނޑައެޅުން

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީއިން ވަނީ 'ބޯހިޔާވެހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކޮށްފައި ވާކަމަށް ބުނެފައެވެ.

އެންމެ ފުރަތަމަ ނިންމާފައި ވާގޮތުން ނަމަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން އޮތީ މި މަހުގެ 18 ވަނަ ދުވަހަށެވެ. އަދި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާ ގޮތަށެވެ.

https://sun.mv/218415

އެހެންނަމަވެސް މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަރުކާރުން ވަނީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުން މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ޚާއްޞަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ:

  • ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ

މީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލާއި "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގައި ހިމެނޭ ކެޓަގަރީތަކުން ވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި، "ބިންވެރިޔާ" ޚާއްޞަ ސްކީމް ކެޓަގަރީ އެކެއްގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެއެވެ.

ހަމައެއާއެކު، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީން ފޯމް ލާން އިތުރު މުއްދަތު ވަނީ ދީފައެވެ. އަދި ގޯތިގެދޮރު ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ވެސް، އަންނަ މެއި މަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ މުއްދަތު ފުރަތަމަ އިތުރުކުރީ، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް މުހިންމު އިންތިޚާބުތަކަށް ތައްޔާރުވަމުން ދަނޑިވަޅެއްގައެވެ.

ފާއިތުވި މުއްދަތުގައި ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ޝަރުތުތަކަށް އެކި ބަދަލުތައް ގެނެސްފައިވެއެވެ. އެ ބަދަލުތައް ގެންނަނީ، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.

https://sun.mv/220502

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޖުމްލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައި ވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށެވެ.

comment ކޮމެންޓް