މައިމުޅަވާ ދަރީންނަށް، މާމަ، ކާފަގެ ބަންޑާރަބިމުން ބައެއް ލިބޭ ގޮތް ހަދަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ހުށަހެޅުއްވި އިސްލާޙު ޕީއެންސީން ވަނީ ބޭރުކޮށްލައިފަ --- ފޮޓޯ/ މަޖިލިސް

މައިމުޅަވާ ދަރީންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތް ހެދުމަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ މަގުސަދަކީ މައިމުޅަވުމުގެ ސަބަބުން ބިން ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމެވެ. ނަމަވެސް، 49 މެންބަރުންގެ ވޯޓާއެކު ބިލު ވަނީ ބޭރުކޮށްލާފައެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މި ބިލު ހުށަހެޅުމުގެ ނިޔަތާމެދު ސުވާލު އުފައްދަވާފައެވެ.

  • މައިމުޅަވާ ދަރީންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތް ހަދަން ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލުން
  • ބިލު ބަލައިގަތުމާ ދެކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ 10 މެންބަރުން
  • މި ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް
  • ޕީއެންސީގެ މެންބަރުން ބިލު ހުށަހެޅުމުގެ މަގުސަދާމެދު ސުވާލު އުފައްދަވައި ނިޔަތް ގޯސްކަމަށް ވިދާޅުވުން

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތް ހެދުމަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވާނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމެވެ. މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން، ކާފަ ނުވަތަ މާމަގެ މުދަލުން މަޙުރޫމު ވާތީއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅުއްވި މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް މިއަދު 49 މެންބަރަކު ވޯޓުދެއްވިއިރު، މި އިސްލާހު ބަލައިގަތުމާ އެއްކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

https://sun.mv/214793

މިއަދުގެ ޖަލްސާގައި ބިލަށް ބަހުސްކުރެއްވި ޕީއެންސީގެ މެންބަރުން ވަނީ، ކުޑޫ މި އިސްލާހު ހުށަހެޅުއްވުމުގެ މަގުސަދާ މެދު ސުވާލު އުފައްދަވައި، ބިލު ހުށަހެޅުއްވީ ނުރަނގަޅު ނިޔަތެއްގައި ކަމަށް ވިދާޅުވެފައެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، މައިމުޅަވުމުގެ ސަބަބުން އެ މަރުވާ އަންހެން މީހާގެ ދަރިންނަށް ބިމުން ނުލިބޭ ހާލަތްތައް ކުރިމަތިވަމުންދާތީ، މައިމުޅަވާ ކުދިންނަށް ބިމުން ނުލިބޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ، މައިމުޅަވުމުގެ ސަބަބުން ބިން ނުލިބޭ މައްސަލައިގައި މުޖުތަމައާއި އާއިލާގެ މެދުގައި އަރާރުން އުފެދި، މައްސަލަތައް ކުރިމަތިވެ، ބޭއިންސާފު ހާލަތްތައް ކުރިމަތިވަމުންދާ ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވޭނެއެވެ.

ނުވަތަ އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެ ބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް، ވަކިވަކި ރަޖިސްޓަރީ ހަދައިދޭންވާނެ ކަމަށް، ގާނޫނުގައިވެއެވެ.

ކުޑޫ ހުށަހެޅުއްވީ އެ ދެ އަކުރު އެއްކޮށްލައި އެ އަކުރަށް މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދެވޭ ގޮތް ހެދުމަށް އިތުރުކުރުމަށެވެ.

އޭގެ އިތުރުން، މައިމުޅަވާ ދަރިންނަށް ބިމުން ލިބިދޭ ހާލަތުގައި އެ ގޯތީގައިވާ އިމާރާތާއި ނުއުފުލޭ މުދަލުން ލިބޭ ބިމަށް އަރާ މިންވަރުގެ އަގު ބަދަލެއްގެ ގޮތުގައި ތަރިކައިން ލިބޭ މީހުންނަށް ދޭން ވާނެ ކަމަށް، ކުޑޫ ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ބިމުގެ ތަނަވަސްކަން ހުރިކަމަށް ބަލާނީ ގަތުމަކުން، ވިއްކުމަކުން، ހިބައަކުން، ވަސިއްޔަތަކުން، ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފުލެޓެއް ރަޖިސްޓަރީ ކުރެވިފައިވުން، ނުވަތަ ޝަރީއަތަށް ލިބިދީފައިވާ އޮންނަ އޮތުން، ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބިމެއް ނުވަތަ ފުލެޓެއް ހަވާލުކުރެވިފައިވުމުން ކަމަށް، އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މައިމުޅަ ދަރިންނަކީ އެ ދަރީންގެ ބައްޕަ ނުވަތަ މަންމަ ހުރި ނަމަ، އެ ބައްޕައަށް ނުވަތަ މަންމައަށް ލިބޭ، ނަމަވެސް ތަރިކަ ލިބުމުގެ ކުރިން އެ މީހުން މަރުވެފައިވުމުން އެ މީހުންނަށާއި އެ މީހުންގެ ދަރީންނަށް ނުލިބޭ، އެފަދަ މީހުންގެ ދަރިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް