ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ގާތްގަނޑަކަށް ހަ ގަޑިއިރުވެފައިވާއިރު، އެ މައްސަލަ ދިމާވީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން އަޅައިފައިވާ މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެކި ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް މެންދުރުފަހު ބައެއް މީހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި 15:21ގައި ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު މެދުކެނޑިފައިވާ ކަމަށް ބުނެފައެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރޭގައި ވިނަރެސްއާއި ހިޔާގެ ބައެއް ޓަވަރުތައް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސްޓެލްކޯއިން 20:00ހާއިރު ވަނީ، މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން، ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން ހިޔާ ދެއަކައި ހަޔެއް ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް އެހެން ޓަވަރުތަކުން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން ދެންމެ ބުނި ގޮތުގައި، މައްސަލަ ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ. އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި،" ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު، ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވޭނީ ކިހާއިރަކު ކަމެއް އެ ކުންފުނިން ބުނެފައިނުވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.