ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބުނު މައްސަލައިގެ ތަހުގީގަށް އެ ރަށުގައި ފުލުހުންގެ ޚާއްސަ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 ހާއިރެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ އަލިފާންގަނޑު ތިން ދޯންޏަކަށް ފެތުރި، އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ރޯވެ، އެ ތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.
ފުލުހުން މިއަދު، ބުނީ އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ޓީމަކުން ކައުންސިލާ ބައްދަލުކޮށް ވާހަކަދައްކައިފައިވާ ކަމަށެވެ. އެ ބައްދަލުވުމަކީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފީއަލީ ތެޔޮ ބޯޓުގައި ރޯވެފައި -- ފޮޓޯ/ އެމްއެންޑީއެފް
ފީއަލީ ކައުންސިލުގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ. މީގެ އިތުރުން ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރިއެވެ.
މިހާރުވެސް އެ ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ޚާއްސަ ތަހުގީގު ޓީމަކުން ތަހުގީގީ މަސައްކަތް ކުރަމުންދާކަން ފުލުހުން ފާހަގަކުރިއެވެ.
މިފަދަ ހާދިސާތަކާ ގުޅޭގޮތުން، އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށްވެސް އެ ބައްދަލުވުމުގައި އަލިއަޅުވާލި ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރިއެވެ.
ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކުވަނީ ފިހިފައެވެ. ފިހުނީ ތެޔޮ ދޯނީގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ފީއަލީގެ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
ފީއަލީ ކައުންސިލުގެ ރައީސް މޫސާ އަޙްމަދު މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި، އެ އަލިފާނުގެ ހާދިސާގެ ސަބަބުން، 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
އޭނާ ވިދާޅުވީ، އަނދައިފައި ވަނީ ތިން އާއިލާއެއްގެ ތިން ދޯނި ކަމަށާއި، އެއީ އާއިލާތަކުން ކާންބޯން ކުރަމުން އައި މަސައްކަތާ ގުޅިފައިވާ ދޯނިތައް ކަމަށެވެ.