ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
ފީއަލިން 'ސަން'އަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި، ބުރާސްފަތި ދުވަހު އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައެވެ.
ފުލުހުން ބުނި ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 9:15 ހާއިރެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި ފިހުނީ ތެޔޮ ދޯނީގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ. ފީއަލީގެ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ، އެ މީހާގެ ހާލު ސީރިޔަސް ކަމަށާއި، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފީއަލީ ކައުންސިލުގެ ރައީސް މޫސާ އަޙްމަދު 'ސަން'އަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން ވިއްސަކަށް މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ ކަމަށާއި، އެއަށްވުރެވެސް ލިބުނު ގެއްލުން ބޮޑުވުން އެކަށީގެންވާ ކަމަށެވެ.
"ޔަގީނުން ވެސް ތިން އާއިލާއެއްގެ ތިން [މަސް] ދޯނި ގޮސްފައި މި އޮތީ، ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ރުފިޔާގެ ގެއްލުމެއް، އެއަށްވުރެ ވެސް ބޮޑު ގެއްލުމެއް [ލިބިފައިވާކަމަށް ބެލެވޭ]،" އޭނާ ވިދާޅުވިއެވެ.
އެއީ އެ އާއިލާތަކުން ކާންބޯން ކުރަމުން އައި މަސައްކަތް ކަމުގައި، މޫސާ ވިދާޅުވިއެވެ.