ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވައިފައިވާއިރު، އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގަވައިފައެވެ.
އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހެދިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ހުންނެވީ ސްވިޒަލޭންޑަށް ނިސްބަތްވާ ޑރ. ލިއުބިމޮވްއެވެ. އޭނާ އެ ކުންފުންޏަށް ބޭރުގެ ސީއީއޯއަކު ހޯދަން ސަރުކާރުން ބޭނުންވުމުންނެވެ.
ފަރުހަތު އިސްތިއުފާ ދެއްވިއިރު، މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ތެޔޮ މަސްދަޅުގެ އަގުބޮޑުކޮށް އަލުން އަގުހެޔޮ ކޮށްފައި ވެސް ވެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ އެއީ ސަރުކާރަށް ނޭނގި ހިނގި ކަމެއް ކަމަށެވެ.
މިފްކޯއަކީ މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ހަނގުރާމައިގެ ހާލަތަށް ބަލައި، ޚަރަދުކުޑަކުރަން ވެސް ފިޔަވަޅުތަކެއް އެންމެ ފުރަތަަމަ އިއުލާނުކުރި ކުންފުންޏެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012ގައެވެ.
ސިފައިން ގެއިން ރިޓަޔާވުމަށްފަހު ފަރުހަތު ދެން ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުންނެވެ.