ޓްރަމްޕްގެ ރުހުން ނުލިބުމުން، ޗާގޯސް އެއްބަސްވުން ތަންފީޒުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި

އެމެރިކާގެ ރައީސް ޓްރަމްޕާއި އިނގިރޭސި ބޮޑުވަޒީރު ސްޓާމާ: ޓްރަމްޕްގެ ރުހުން ނުލިބުމުން، ޗާގޯސް އެއްބަސްވުން ތަންފީޒުކުރުން އިނގިރޭސިވިލާތުން ވަނީ މަޑުޖައްސާލައިފައި -- ފޮޓޯ/ ގެޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ރުހުން ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ. މި އެއްބަސްވުމާމެދު ޓްރަމްޕްގެ ޚިޔާލު ތަފާތުވެފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒު އޮންނަ ޑިއޭގޯ ގާސިއާއާމެދު ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އާންމު އިންތިޚާބަށް ޕާލިމެންޓް އުވާލަންޖެހުމުން، ގާނޫނުތައް ފާސްކުރުމަށް ވަގުތު ނެތުމަކީވެސް މިއެއްބަސްވުން މަޑުޖައްސާލި ސަބަބެކެވެ. ދިވެހިރާއްޖެއިން މި އެއްބަސްވުން ބަލައިނުގަންނަކަމަށާއި، ޗާގޯސްއަކީ ރާއްޖެއަށް ހައްގުވާ ތަނެއްކަމަށް ބުނެ، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.

  • ޓްރަމްޕްގެ ރުހުން ނުލިބުމުން ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލުން.
  • އެމެރިކާގެ އަސްކަރީ މަރުކަޒު އޮންނަ ޑިއޭގޯ ގާސިއާއާ މެދު ޓްރަމްޕްގެ ކަންބޮޑުވުންތައް ހުރިކަން.
  • އިނގިރޭސިވިލާތުގެ އިންތިޚާބަށް ޕާލިމެންޓް އުވާލާތީ ގާނޫނު ފާސްކުރަން ވަގުތު ނެތުން.
  • މި އެއްބަސްވުން ރާއްޖެއިން ބަލައިނުގަންނަކަމަށާއި ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތްކުރާކަން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޮތް ގުޅުން ގޯސްވަމުން އަންނަ ދަނޑިވަޅެއްގައި އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފިއެވެ.

ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމާ އެންމެ ފުރަތަމަ ވެސް ޓްރަމްޕް ދެކޮޅުހެއްދެވިއެވެ. ނަމަވެސް، މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ ކުއްލި ގޮތަކަށް ޚިޔާލު ބަދަލުކުރައްވައި، އެއްބަސްވުމަށް ތާއިދުކުރައްވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

އޭގެ ފަހުން އަނެއްކާވެސް ޓްރަމްޕް ވަނީ، އެ އެއްބަސްވުން އުވާލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް އިލްތިމާސް ކުރައްވާފައެވެ.

އެ އެއްބަސްވުމާ ޓްރަމްޕް ދެކޮޅުހައްދަވަނީ، ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ހަދައިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒާ ގުޅޭ ކަންބޮޑުވުންތައް އޮތް ކަމަށް ވިދާޅުވެއެވެ.

މިދިޔަ އަހަރު މެއި މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް ފަހު ވެސް، ޑިއޭގޯ ގާސިއާ އޮންނަނީ 99 އަހަރަށް ކުއްޔަށް ދީފައެވެ. އެއީ އަހަރަކު އެވްރެޖްކޮށް 35 ބިލިއަން ޕައުންޑްގެ ކުއްޔަކަށެވެ.

https://sun.mv/219964

އެ އެއްބަސްވުމަށް އަމަލުކުރެވެން އޮތީ، އެ އެއްބަސްވުމަށް ތާއިދު އޮތްކަން އެމެރިކާއިން ރަސްމީކޮށް އެންގުމުންނެވެ. ނަމަވެސް އެގޮތަށް އެމެރިކާއިން އަމަލުކޮށްފައިނުވެއެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބަށް ތައްޔާރުވުމަށް، އަންނަ މަހުގެ ފަހުކޮޅު މިހާރު އޮތް ޕާލިމެންޓް އުވާލާނެއެވެ. އަދި އިނގިރޭސިވިލާތުގެ އެއްބަސްވުމާ ގުޅޭ ހުރި ގާނޫނުތައް ޕާލިމެންޓުން ފާސްކުރަން ޖެހޭއިރު، މިހާރު އެކަމަށް އެކަށީގެންވާ ވަރަށް ވަގުތު ނެތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޗާގޯސް ރަށްތައް: އިނގިރޭސިވިލާތުން ވަނީ ޗާގޯސް އެއްބަސްވުން މަޑުޖައްސާލަން ނިންމާފައި -- ފޮޓޯ/ގެޓީ

އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ، އެއީ އެއްބަސްވުން އުވާލުން ނޫން ކަމަށާއި، ނަމަވެސް ވަގުތީ ގޮތުން މަޑު ޖައްސާލުން ކަމަށް ބުނެފައެވެ.

އިނގިރޭސި އެއްބަސްވުމާ ގުޅޭ ގޮތުން ޓްރަމްޕް އެކި ފަހަރު މަތިން ވިސްނުންފުޅު ބަދަލުކުރައްވައިފައިވާއިރު، ދާދި ފަހުން އެ މަނިކުފާނުގެ ޓްރޫތް ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެއްބަސްވުމާ ދެކޮޅު ހެއްދެވީ، ޗާގޯސް ބޭނުންކޮށްގެން އީރާނަށް ހަމަލާ ދިނުމަށް އެ ގައުމުން ހުއްދަ ނުދިނުމުންނެވެ. ނަމަވެސް، ފަހުން އިނގިރޭސިވިލާތުން ވަނީ އެ ހުއްދަ ދީފައެވެ.

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ރާއްޖޭން ބަލައިނުގަންނަ ކަމަށާއި، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިދިޔަ މަހު ވަނީ ބުނެފައެވެ.

https://sun.mv/219778

ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަށް ރާއްޖޭން މީގެ ކުރިން ދެކޮޅު ހަދައިފައިވާތީ، އިނގިރޭސިވިލާތުން މީގެ ކުރިން ދީފައިވާ ރައްދެއްގައި ވަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި ކަމަށެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.

comment ކޮމެންޓް