މޮރިޝަސްއަށް ޗާގޯސް ދޭން ޔޫކޭއިން ހެދި އެއްބަސްވުން ބަލައިނުގަނެ، ރާއްޖޭން އައިސީޖޭއަށް ދަނީ

ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޚަލީލް: މޮރިޝަސްއަށް ޗާގޯސް ދޭން ޔޫކޭއިން ހެދި އެއްބަސްވުން ބަލައިނުގަނެ، ރާއްޖޭން އައިސީޖޭއަށް މައްސަލަ ހުށަހަޅަން ތައްޔާރުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސަރުކާރުން ވަނީ ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރަސްމީކޮށް އިއުތިރާޒުކޮށްފައެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްކުރުމެއް ނެތި، ދެ ފަރާތުން އެކަނި މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. މި މައްސަލައިގައި ރާއްޖޭގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި، މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗާގޯސްއަކީ ރާއްޖެއަށް ހައްގު ތަނެއް ކަމަށާއި، މި މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ ބާރުތައް ހިމާޔަތްކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަން ހާމަކުރައްވައިފައެވެ.

  • ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ހެދި އެއްބަސްވުން ރާއްޖޭން ގަބޫލުނުކުރާކަން ރަސްމީކޮށް އަންގާފައިވޭ.
  • ރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްނުކޮށް އިނގިރޭސިން ނިންމި ނިންމުމާ ގުޅިގެން މައްސަލަ އައިސީޖޭއަށް ހުށަހަޅަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.
  • ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް އެއްބަސްވުމަކީ ރާއްޖޭގެ ތާރީޚީ އަދި އިދާރީ ގުޅުންތަކަށް ބެލުމެއްނެތި ނިންމާފައިވާ ނިންމުމެއް.
  • ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގުމާ ގުޅޭގޮތުން ހެދި އެއްބަސްވުމަށް ވެސް ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައިވޭ.

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ރާއްޖޭން ބަލައިނުގަންނަ ކަމަށާއި، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވަނީ، ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މީގެ ކުރިން އެ މަނިކުފާނު ވިދާޅުވީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ.

ހަމައެއާއެކު އެމެރިކާގެ 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ރައީސް ވަނީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ މަރުކަޒު ހިންގަމުން ދިޔުމާ ގުޅޭ އެއްބަސްވުމެއް ހެދޭނެ ކަމަށް ވިދާޅުވެފައެވެ.

https://www.sun.mv/217443

އޭގެ ފަހުން، ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ބީބީސީ ނޫހަށް އެ މައްސަލައެއްގައި ބަޔާނެއްގައި ފޮނުވައިފައެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބަޔާނުގައިވަނީ، ރާއްޖޭން އިނގިރޭސި ސަރުކާރަށް ނޮވެމްބަރު 2024އާއި މިދިޔަ ޖަނަވަރީ މަހު ފޮނުވި ސިޓީތަކުގައި، މޮރިޝަސްއާއެކު އެ ގައުމުން ހަދައިފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒުކޮށްފައިވާކަން ފާހަގަކޮށްފައެވެ.

އެ ސިޓީތަކުގައި ވާނީ، ރާއްޖޭގެ މަސްލަހަތުތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށް ބަޔާނުގައިެވއެވެ.

"އެހެންކަމުން، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުން ރާއްޖެއިން ގަބޫލުނުކުރާކަން ރަސްމީކޮށް މިވަނީ އަންގާފައެވެ. މި ނިންމުމަކީ ދިވެހިރާއްޖެއާއި އެ ޖަޒީރާތަކާ ދެމެދު އޮތް ތާރީޚީ އަދި އިދާރީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ، ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމުން، މި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި، އެ މައްސަލަ އައިސީޖޭއަށް ރަސްމީކޮށް ހުށަހެޅުމަށް ކުރެވޭނެ ކަންތައްތައް ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުން މި މައްސަލައިގައި ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަށް ރާއްޖޭން މީގެ ކުރިން ވެސް ދެކޮޅު ހަދައިފައިވާތީ، އިނގިރޭސިވިލާތުން މީގެ ކުރިން ދީފައިވާ ރައްދެއްގައި ވަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި ކަމަށެވެ.

https://sun.mv/217659

މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތާއި މޮރިޝަސްއިން ހެދި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ މަރުކަޒު، އެ ގައުމަށް އޮންނާނީ 99 އަހަރަށް ކުއްޔަށް ދީފައެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.

comment ކޮމެންޓް