ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ"ގެ ފިލްމު ސެޓުގައި މޮބައިލް ފޯން ބޭނުންކުރުމާއި ފިލްމާގުޅޭ މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުން މަނާކޮށް ސަލާމަތީ ފިޔަވަޅުތައް ސެޓުގައި ވަރުގަދަކޮށްފިއެވެ.
ރަންބީރު ކަޕޫރާއި، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑް ރޯލްތަކުން ފެންނާނެ "ލަވް އެންޑް ވޯ"ގެ ފިލްމު ސެޓުގެ ސަލާމަތީ ފިޔަވަޅުތައް އަދި ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ، އެ ފިލްމާ ބެހޭ މައުލޫމާތެއް ނުވަތަ މަންޒަރެއް އާންމުވިޔަ ނުދިނުމަށްޓަކައި، ސަންޖޭގެ ޕްރޮޑަކްޝަން ޓީމުން އެޅި ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުންނެވެ.
ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އަކީ މިހާރު އުފައްދަމުންދާ ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ފިލްމެވެ. މި ފިލްމު ސެޓުގެ ބައެއް މަންޒަރުތައް މީގެކުރިން ލީކުވެފައި އޮތުމަކީ ވެސް މި ފިޔަވަޅުތައް އެޅި އެންމެ ބޮޑު އެއް ސަބަބުކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ފިލްމު "ލަވް އެންޑް ވޯ"ގެ ފިލްމު ސެޓުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ފިލްމުގެ މަސައްކަތުގައި އުޅޭ މީހުންނާއެކު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، އިތުރު އެހެން ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.
އެގޮތުން، ފިލްމުގެ ސެޓަށް ވަނުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނު ކްރޫއިންނާ ހަވާލުކުރަން ޖެހެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ފިލްމުގެ ސެޓު ފެނުމަށް އާންމުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
މަންޒަރުތަކުގެ ފުރިހަމަކަމަށާއި ކުދިކުދި ތަފްސީލުތަކަށް ބޮޑު އިސްކަމެއްދޭ ބަންސާލީ، މި ފިލްމުގެ މަންޒަރުތަކާއި ފިލްމު ގެނެސްދޭނެ ގޮތް ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅޭއިރު ސަންޖޭގެ ކޮންމެ އުފެއްދުމަކީ ވެސް ބެލުންތެރިން ކެތްތެރިކަމެއްނެތި އިންތިޒާރުކުރާ އުފެއްދުންތަކެކެވެ.
ރަންބީރު އާއި އާލިއާ މީގެކުރިން ބަންސާލީއާ އެކު މަސައްކަތްކޮށްފައިވީ ނަމަވެސް މިއީ އެކްޓަރު ވިކީ ކޯޝަލް ސަންޖޭއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ވިކީ ވަނީ މީގެ ކުރިން އާލިއާއާ އެކު ފިލްމު "ރާޒީ"ގައި އަދި ރަންބީރާ އެކު ފިލްމު "ސަންޖޫ"ގައި މަސައްކަތް ކޮށްފައެވެ.
ފިލްމު "ލަވް އެންޑް ވޯ" ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.