ޔުނީފޯމްގައި، ދަރިވަރުންނަށް ޖެކެޓު ބޭނުންކުރެވޭނީ ކުލާހުގައި އެކަނި

ދަރިވަރުންތަކެއް ކުލާސްރޫމުގައި: ކުލާހުގައި އެކަނި ސުކޫލު ދަރިވަރުންނަށް ޖެކެޓު ބޭނުން ކުރެވޭ ގޮތަށް ވަނީ ހަދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ސުކޫލުތަކުގެ ދަރިވަރުންނަށް ޖެކެޓު ނުވަތަ ކާޑިގަން ހަމައެކަނި ކުލާސްރޫމުގައި ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހުރިހާ ސުކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް ރިސާޗު ޑިވިޝަނުން ފޮނުވި މެމޯއެއްގައި ވަނީ، ދަރިވަރުންގެ ޔުނިފޯމު އުސޫލުގެ އަށްވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް މި އަހަރުގެ ދިރާސީ އަހަރުން ފެށިގެން އަމަލުކުރަން އަންގާފައެވެ.

އެ މާއްދާގައި ބުނަނީ، ސުކޫލުގައި ދަރިވަރުންނަށް ފިނިވެގެން އުނދަގޫވާނަމަ، ޑިޒައިނެއް، ލޯގޯއެއް އަދި ބެޖެއް ނުހުންނަ ކާޑިގަންއެއް ބޭނުންކުރެވިދާނެ ކަމަށެވެ. އެ ކާޑިގަން ލުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހެއެވެ.

ދަރިވަރެއް: ކުލާހުގައި އެކަނި ސުކޫލު ދަރިވަރުންނަށް ޖެކެޓު ބޭނުން ކުރެވޭ ގޮތަށް ވަނީ ހަދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މެމޯގައި ވަނީ، ކާޑިގަން ލުމާ ގުޅޭގޮތުން ސުކޫލުތަކުން ވަކިން އުސޫލުތައް ނުހެދުމަށް އެދިފައެވެ. މީގެއިތުރުން، ދަރިވަރުންނަށް ބޭނުންކުރެވޭނީ އެއް ކުލައަކުން ހުންނަ، ލިޔުމާއި ކުރެހުން ނެތް ކާޑިގަންއެއް ނުވަތަ ޖެކެޓެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ތަކެތި ބޭނުންކުރެވޭނީ ދަރިވަރުން ކުލާހުގައި ތިބޭ ވަގުތުތަކުގައި އެކަނި ކަމަށް އެ މެމޯގައި ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން އަންނަނީ، ކޫލް ސުކޫލު ޕްރޮޖެކްޓުގެ ދަށުން ހުރިހާ ސުކޫލުތަކެއް އޭސީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ކުލާސްތަކުގައި ބޭނުންކުރާ އޭސީގެ ފިނިމިން 25 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށް ނުކުރުމަށް މެމޯގައި ވަނީ ސުކޫލުތަކަށް އަންގާފައެވެ.

comment ކޮމެންޓް