ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރިޔަސް، ޓެކްސީ ދަތުރުތައް މަދެއްނުވޭ: އެސޯސިއޭޝަން

ސަރުކާރުން ޓެކްސީގެ ޚިދުމަތްދޭ ކާރަކާއި ޓެކްސީއެއް: ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރިޔަސް، ޓެކްސީ ދަތުރުތައް މަދުނުވާ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައި --- ފޮޓޯ/ އެމްޓީސީސީ

ސަރުކާރުން މާލޭގައި އައު ޓެކްސީ ލައިނެއް ފަށައި، ހަފުތާއެއް ވަންދެން ހިލޭ ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައިވީ ނަމަވެސް، އާންމު ޓެކްސީތަކަށް ލިބޭ ދަތުރުތައް މަދުވެފައިނުވާކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް ވިދާޅުވި ގޮތުގައި، ބައެއް ގަޑިތަކުގައި ދަތުރުތައް މަދުވި ނަމަވެސް އެއީ އައު ޓެކްސީ ލައިނާ ގުޅުންހުރި ކަމެއް ނޫނެވެ. ނަމަވެސް، ގިނަ ބަޔަކު ފުރަތަމަ ސަރުކާރުގެ ޓެކްސީއެއް ހޯދުމަށް މަސައްކަތްކުރާތީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އޭގެ އަސަރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ގިނަ އަދަދެއްގެ ކާރު މާލެއަށް އެތެރެކުރުމުގެ ސަބަބުން ޓްރެފިކަށް ބާރުބޮޑުވުމުގެ ކަންބޮޑުވުން ވެސް އޭނާ ވަނީ ފާޅުކޮށްފައެވެ. ހަމައެއާއެކު، ހިލޭ ދަތުރުކުރެވޭ މުއްދަތުގައި އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގިނަ ބަޔަކު ގުޅަމުންދާތީ އެ ނަންބަރަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މިއާއެކު އެ ކުންފުނީގެ ކޯލް ސެންޓަރުން އަންނަނީ މެދުނުކެނޑި މަސައްކަތްކުރަމުންނެވެ. މި ޚިދުމަތަށް މާލެއަށް ގެނެސްފައިވަނީ ޖުމުލަ 150 ކާރެވެ.

  • ސަރުކާރުގެ އައު ޓެކްސީ ލައިނާއެކު ވެސް އާންމު ޓެކްސީތަކަށް ލިބޭ ދަތުރުތައް މަދުވެފައި ނުވޭ.
  • މި ޚިދުމަތް ފުރަތަމަ ހަފުތާގައި ހިލޭ ލިބޭތީ ގިނަ ބަޔަކު އެމްޓީސީސީއަށް ގުޅަމުންދޭ.
  • އައު ކާރުތަކާއެކު މާލޭގެ ޓްރެފިކަށް އިތުރަށް ބާރުބޮޑުވާތީ ޑްރައިވަރުންގެ ކަންބޮޑުވުން އެބައޮތް.
  • ޖުމުލަ 150 ކާރު މި ޚިދުމަތަށް މާލެއަށް ވަނީ އެތެރެކޮށްފައި.

ސަރުކާރުގެ ޓެކްސީ ލައިން ނެރުނަސް، ޓެކްސީ ދަތުރުތައް މަދު ނުވާ ކަމަށް ޑްރައިވާސް އެސޯސިއޭސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ވަނީ، 'މާލެ ޓެކްސީ'ގެ ނަމުގައި ޓެކްސީ ލައިނެއް ތައާރަފުކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި ކާރުތަކެއް އެ ޚިދުމަތް ދިނުމަށް ބޭނުންކުރާއިރު، މާދަމާގެ ނިޔަލަށް ޓެކްސީ ލައިންގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް ވިދާޅުވީ، ބައެއް ގަޑިތަކުގައި ކުރަން ލިބޭ ދަތުރުތައް މަދުވާ ކަމަށާއި އެއީ ޓެކްސީ ލައިނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

ޓެކްސީ ލައިންގައި ބޭނުންކުރާ ކާރެއް: އެ ދަތުރުތައް ކުރިޔަސް ޓެކްސީގެ ދަތުރުތަކަށް ބަދަލެއް ނާންނަ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުނޭ ---- ފޮޓޯ/އެމްޓީސީސީ

ނަމަވެސް، ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން ޓެކްސީ ޚިދުމަތް ފަށައި، ހަފުތާއެއް ވަންދެން ދަތުރުތައް ހިލޭ ކުރެވޭ ގޮތް ހަދާފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިގޮތުން، ގިނަ މީހުން މިހާރު ފުރަތަމަ ބަލަނީ، ސަރުކާރުގެ ޓެކްސީ ލައިނުން ދަތުރެއް ލިބޭތޯ ކަމަށާއި އަމިއްލަ ކާރުތަކުން ޓެކްސީ ދަތުރެއް ހޯދަނީ އޭގެފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާމްދަނީ ހޯދުމަށް އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތް ހީނަރުކޮށްލީ. އެހެންވީމަ މި ހަފުތާގައި [ދަތުރުތައް މަދުކަމުގެ] އިހުސާސްވޭ [ބައެއް ފަހަރު]. އެކަމަކު، ދަތުރު ހަމަ އެބަ ލިބޭޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒް

މީގެއިތުރުން، ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކާރުތައް ގެނައުމުން ޓްރެފިކަށް ބާރުބޮޑުވާތީ ނިޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަފުތާއަކަށް ޓެކްސީ ލައިނުގައި ހިލޭ ދަތުރުތައް ކުރެވޭ ގޮތަށް އޮތުމުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު، 1655 އަށް ވެސް ބާރުބޮޑުވެ ނުގުޅޭ ކަމަށް ބައެއް އާންމުން އަންނަނީ ބުނަމުންނެވެ.

https://sun.mv/220120

އެކަމާ ގުޅިގެން އެމްޓީސީސީން ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.

comment ކޮމެންޓް