ވިއެޓްނާމްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކުއާން ނިންގައި، 2027 ވަނަ އަހަރުގެ މެދުތެރޭގައި އުދުހޭ ޓެކްސީގެ އަޖުމަބެލުމުގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މަޝްހޫރު ހާ ލޯންގް ބޭ އޮންނަ މި ސިޓީގައި އުދުހޭ ޓެކްސީގެ ޚިދުމަތް ތަރައްގީކުރުމަށް ޓެސްޓުކުރަން ނިންމާފައިވަނީ ތިން މީހުންގެ ޖާގައިގެ އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) މަތިންދާބޯޓެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެފް.ޕީ.ޓީ ގްރޫޕާއި ޖަޕާނުގެ ސްކައިޑްރައިވް ކުންފުނިން ވަނީ ކުއާން ނިންގެ އިދާރާތަކާއެކު މަޝްވަރާކޮށް، އުދުހޭ ޓެކްސީ ޓެސްޓުކުރުމަށާއި އެ ޚިދުމަތް ތަރައްގީކުރުމުގެ ދިރާސާތައް ހެދުމަށް ހުށަހަޅާފައެވެ.
މި ޓެސްޓުގައި ބޭނުންކުރާ ސްކައިޑްރައިވްގެ "އެސްޑީ-05" މޮޑެލްގެ އުޅަނދަކީ ޕައިލެޓަކާއެކު ޖުމްލަ ތިން މީހުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. ބެޓެރިން ހަކަތަ ލިބޭ މި އުޅަނދުގައި 12 މޯޓަރާއި ޕްރޮޕެލަރު ހަރުކޮށްފައިވާއިރު، މިއީ ރަންވޭއަކާ ނުލައި ސީދާ މައްޗަށް އަރައި ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
މި އުޅަނދު އުފެއްދި ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދިގުމިނުގައި 11.5 މީޓަރު، ފުޅާމިނުގައި 11.3 މީޓަރު އަދި އުސްމިނުގައި 3 މީޓަރު ހުންނަ މި އުޅަނދަށް 1,400 ކިލޯގްރާމާ ހަމައަށް ބަރުދަން އުފުލެއެވެ. ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މި އުޅަނދުގެ ރޭންޖަކީ 15 ކިލޯމީޓަރު ކަމުގައިވީ ނަމަވެސް، ބެޓެރިއަށް ގެންނަ ބަދަލުތަކާއެކު މި ރޭންޖު 30 އާއި 40 ކިލޯމީޓަރާ ދެމެދުގެ އަދަދަކަށް އިތުރުކުރެވޭނެ ކަމަށް ބެލެވެއެވެ.
ސްކައިޑްރައިވްއިން ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޖަޕާނުގެ އޮސާކާގައި ބޭއްވި އެކްސްޕޯގައި މި އުޅަނދުގެ ދައްކާލުމުގެ އުދުހުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުނިން މިހާރު ދަނީ ވިޔަފާރި އުސޫލުން 2028 ވަނަ އަހަރު މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ހުއްދަތައް ހޯދުމުގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރަމުންނެވެ.
އުދުހޭ ޓެކްސީގެ އިތުރުން، ހާ ލޯންގް ބޭ ސަރަހައްދުގެ އުޅަނދުފަހަރާއި، ތިމާވެށްޓާއި، ޓްރެފިކް މޮނިޓާ ކުރުމުގެ އިތުރުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރުމަށްވެސް އެފް.ޕީ.ޓީން ވަނީ ހުށަހަޅާފައެވެ. މި ޑްރޯންތަކުގެ އެހީގައި ޖަންގަލީގައި ރޯވާ އަލިފާން ދެނެގަތުމާއި، ތޫފާންތަކާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި ސީދާ ކޮމާންޑް ސެންޓަރުތަކަށް މަންޒަރުތައް ފޮނުވައިގެން އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިވާނެއެވެ.
ކުއާން ނިން ޕީޕަލްސް ކޮމިޓީގެ ވައިސް ޗެއާމަން ނުގުޔެން ވެން ކޮންގް ވަނީ ދުރު ހިސާބުތަކަށާއި ފަތުރުވެރިކަމުގެ މަންޒިލްތަކަށް މުދާ އުފުލުމުގައާއި، ސިއްހީ އަދި އާންމު ޚިދުމަތްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
2027 ވަނަ އަހަރުގެ މެދުތެރޭގައި މި އުޅަނދުތަކުގެ ޓެސްޓުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ގައުމީ ސަލާމަތަށް ރިއާޔަތްކޮށް ޓެސްޓުކުރާނެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް ޓެސްޓުތައް ކުރިއަށް ގެންދާނެ ވަކި ސަރަހައްދުތަކާއި ފަސިންޖަރުންނަށް މި ޚިދުމަތް ފަށާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.