ބަންކަރިންއިން ލިބުނު އާމްދަނީއަށް އިތުރުވުމެއް: ސައީދު ވިދާޅުވީ 3 މަސް ތެރޭ 424 މިލިއަން ލިބުނު ކަމަށް

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: އެ މަޝްރޫއު ފެށިފަހުން ވަނީ 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން މިދިޔަ މާރިޗު މަހުގެ ނިޔަލަށް 730 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި މަޝްރޫއަކީ އެސްޓީއޯއިން ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ސެޕްޓެމްބަރު 2024 ގައި އިހަވަންދިއްޕޮޅުގައި ފެށި މަޝްރޫއެކެވެ. މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ހިސާބުތަކާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި މަޝްރޫއުން ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބުނާ ބުނުމަށް ކުރީގެ ރައީސް ޔާމީން ފަދަ ބޭފުޅުން ވަނީ ފާޑުވިދާޅުވެފައެވެ.

  • ބަންކަރިންގެ ޚިދުމަތުން މާރިޗު 31 ގެ ނިޔަލަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުން
  • މިއީ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބުނު 282 މިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް
  • މި ޚިދުމަތް ފޯރުކޮށްދެނީ އެސްޓީއޯއާއި ވިޓޯލް ކުންފުނި ގުޅިގެން އިހަވަންދިއްޕޮޅުގައި
  • މި އާމްދަނީގެ އަންދާޒާތަކަށް ކުރީގެ ރައީސް ޔާމީން ފާޑުވިދާޅުވެފައިވުން

މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ލިބުނީ، 730 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި ސެޕްޓެމްބަރު 2024ގައި އެ މަޝްރޫއު ފެށީ، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިން ޚިދުމަތުން މިދިޔަ މަހު 31އާ ހަމައަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ، 47 މިލިއަން ޑޮލަރު ކަމަށްވާއިރު، އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.

"މާރިޗު 31އާ ހަމައަށް 730 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށިފަހުން ލިބިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: އެ ޚިދުމަތުން 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި މިނިސްޓަރު ދެއްވި ހިސާބުތަކާ ބަލާއިރު، ބޮޑު އިތުރުވުމެކެވެ. މިގޮތުން، އޭރު މިނިސްޓަރު ވިދާޅުވީ، އެހާތަނަށް ބަންކަރިން ޚިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

https://sun.mv/215838

ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.

ބަންކަރިން ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަދަ ބައެއް ބޭފުޅުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ސެޕްޓެންބަރު 2024 ގައި ޔާމީން ވަނީ ބަންކަރިންއިން ލިބޭނީ ބާދަގަނޑު ކަމަށް ވިދާޅުވެފައެވެ.

އޭރު އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށެވެ.

comment ކޮމެންޓް