ކޮންމެ މުޖުތަމައެއްގައިވެސް، އަދި ކޮންމެ މުއައްސަސާއެއްގައިވެސް، އެންމެ އަގުބޮޑު ރައުސްމާލަކީ އެތަނެއްގައި މަސައްކަތްކުރާ އިންސާނީ ވަސީލަތްތަކެވެ. ޤައުމެއް ބިނާކުރުމާއި، އިދާރާއެއް ހަރުދަނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ، ވަޒީފާ ދިނުމުގައި މެރިޓް (ތައުލީމާއި ތަޖުރިބާ އަދި ހުނަރަށް) ބަލައި، ޤާބިލުކަން އަދި އަމާނާތްތެރިކަމަށް އިސްކަންދިނުމެވެ.
ސިޔާސީ ނުފޫޒާއި، އާއިލީ ގުޅުމާއި ނުފޫޒު އިސްކުރުމުގެ ބަދަލުގައި، ހަމައެކަނި ތައުލީމާއި ތަޖުރިބާ އަދި ހުނަރަށް ބަލައިގެން މީހުން އައްޔަނުކުރާ ނަމަ، އޭގެ ނަތީޖާ މުޅި މުޖުތަމައަށް ފެންނާނެއެވެ. މެރިޓް އުސޫލަށް ތަބާވުމުން ރައްޔިތުންގެ މެދުގައި މުއައްސަސާއަށް އޮންނަ އިތުބާރު ބޮޑުވެއެވެ. މަސައްކަތުގެ ދުވެލި ހަލުވިވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދެއެވެ. ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިވެ، ހަރުދަނާ ނިންމުންތައް ނިންމާނެ ޤާބިލު ޓީމެއް އުފެދެއެވެ.
މީހެއްގެ ޤާބިލުކަމަށްވުރެ ބޮޑަށް، އޭނާގެ ސިޔާސީ ފިކުރަށް ނުވަތަ އޮންނަ ގާތްކަމަށް ބަލައިގެން ވަޒީފާ ދިނުމަކީ މުޅި ނިޒާމު ފުނޑުފުނޑުވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ކިޔަވައިގެން ތިބި ޤާބިލު މުވައްޒަފުންގެ މާޔޫސްކަން އިތުރުވެ، މަސައްކަތަށް ދޭ ސަމާލުކަން ކުޑަވެއެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނޭނގޭ މީހަކު އިސްވުމުން، މުޅި މުއައްސަސާގެ އުފެއްދުންތެރިކަން ދަށްވެއެވެ. ހައްގުވެރިންނަށް ފުރުސަތު ނުލިބުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭނެ އަދުލުވެރިކަން ގެއްލޭ ކަމެކެވެ.

ވަޒީފާއަށް ހޮވުމުން އެކަނި ނިމުނީއެއް ނޫނެވެ. ކޮންމެ މުވައްޒަފަކީވެސް ޒިންމާދާރު މީހަކަށް ހެދުމަށްޓަކައި، ދުވަހުން ދުވަހަށް ކުރާ މަސައްކަތް ވަޒަންކުރަންޖެހެއެވެ. ޕާފޯމަންސް އިވެލުއޭޓްކުރުމަކީ މުވައްޒަފުންގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޖަވާބުދާރީވުން އިތުރުކޮށްދޭ ނިޒާމެކެވެ. އެންމެންނަށް ހަމަހަމަ ފުރުސަތު އޮތްކަން ކަށަވަރުކޮށްދޭ މިންގަނޑެކެވެ.
އެއްވެސް މީހެއްގެ ނުފޫޒުން ނުވަތަ ބަދަލުގައި ނާޖާއިޒު ކަމެއް ކޮށްދޭން ބުނެގެން ވަޒީފާ ހޯދުމަށް މަސައްކަތް ނުކުރާށެވެ. މިފަދަ ގޮތްގޮތަށް ލިބޭ ވަޒީފާއަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާނެ ކަމެކެވެ. އަދި ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، ނުފޫޒުން ލިބޭ ވަޒީފާއަކީ ދާއިމީ ކަމަކަށް ނުވާކަމެވެ. ސިޔާސީ އޮއިވަރު ބަދަލުވުމުން ނުވަތަ ގުޅުންތަކަށް ބަދަލު އައުމުން، އެންމެ ފުރަތަމަ ބޭރުކޮށްލެވޭނީވެސް މެރިޓް އުސޫލުން ބޭރުން އައްޔަނުކުރި މީހުންނެވެ. އަމިއްލަ ހުނަރާއި ޤާބިލުކަމުން ހޯދާ ވަޒީފާއަކީ ތިބާގެ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.
ރާއްޖޭގެ ރަށެއްގެ ސިއްހީ މަރުކަޒަކަށް ނުވަތަ ސްކޫލަކަށް އިދާރީ މުވައްޒަފުން ނަގާއިރު، އެ ރަށެއްގެ ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއެއްގެ ކުއްޖަކަށް ވަޒީފާ ދިނުމުގެ ބަދަލުގައި، އެ ދާއިރާއިން ކިޔަވައިގެން ހުރި ޤާބިލު ކުއްޖަކަށް ވަޒީފާ ދިނުމުން ނުކުންނާނެ ނަތީޖާ ތަފާތެވެ.
މެރިޓަށް ބަލައިފިނަމަ، ބަލިމީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، ބޭސް ފަރުވާގެ ކަންކަން އިންތިޒާމުކުރުން ހަރުދަނާވާނެއެވެ.
ފޭވަރިޓިޒަމަށް ބަލައިފިނަމަ، މަސައްކަތަށް ފަރުވާކުޑަވުމާއި، އާންމު ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތުގައި ތަފާތުކުރުންތައް ގެންގުޅުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ޒުވާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއެވެ. މިފަދަ ތަންތަނަށް މީހުން ނަގާއިރު "ޕޮލިޓިކަލް އެޕޮއިންޓްމަންޓް" ތައް ގިނަވުމަކީ ކުންފުނީގެ ހަރަދު ބޮޑުވެ، ހިންގުން ބުރަހެލިވާ ކަމެކެވެ.
މިސާލަކަށް، ޓެކްނިކަލް މަގާމަކަށް (އެންޖިނިއަރަކަށް ނުވަތަ އެކައުންޓެންޓަކަށް) ސިޔާސީ އެކްޓިވިސްޓަކު އައްޔަނުކޮށްފިނަމަ، އެތަނެއްގެ މެޝިނަރީތައް ބެލެހެއްޓުމުގައާއި މާލީ ހިސާބުތައް ތަރުތީބުކުރުމުގައި ބޮޑެތި ގޯސްތަކެއް ހެދި، އޭގެ ގެއްލުން މުޅި ރަށަށް ނުވަތަ ދައުލަތަށް ކުރާނެއެވެ.
އިންތިޚާބުތަކާ ދިމާކޮށް ނުވަތަ ސިޔާސީ ނުފޫޒުގައި ވަޒީފާ ހޯދުމަކީ އާންމުކޮށް ފެންނަ ކަންކަމެވެ. ނަމަވެސް، މިއީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. ރާއްޖޭގައި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު، ނުފޫޒުން ވަޒީފާ ހޯދި އެތައް ބަޔަކަށް ވަޒީފާ ގެއްލެއެވެ. އޭގެ ބަދަލުގައި، މެރިޓް އުސޫލުން ވަޒީފާ ހޯދާ މީހާ، އޭނާގެ ހުނަރު ތަރައްޤީކުރާތީ، ކޮންމެ ސަރުކާރެއް އޮތަސް އޭނާއަކީ މުއައްސަސާއަށް ބޭނުންތެރި މީހަކަށް ވެއެވެ. އޭނާ ވަޒީފާއިން ވަކިކުރަން މުއައްސަސާއަށް އުނދަގޫވާނެއެވެ.
މިސާލަކަށް، އޮފީހެއްގައި 10 އަހަރު ވަންދެން ތެދުވެރިކަމާއެކު މަސައްކަތްކުރި މުވައްޒަފަކު ހުއްޓާ، އޭނާގެ މައްޗަށް އެއްވެސް ތަޖުރިބާއެއް ނެތް މީހަކު ސިޔާސީ ގޮތުން އިސްކުރުމުން، ކުރިން ހުރި މުވައްޒަފުގެ ހިތްވަރު އެލި މާޔޫސް ވާނެއެވެ. މީގެ ސަބަބުން އޮފީހުގެ އެހެން މުވައްޒަފުންވެސް މާޔޫސްވެ މަސައްކަތް ކުރުމުގެ ރޫޙު ގެއްލިދެއެވެ.
އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، ފުރުސަތުތަކަކީ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކަށް ހެދުމެވެ. ވަޒީފާދޭ ފަރާތްތަކުން އިންސާފުވެރިވުމަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކުން ޕްރޮފެޝަނަލްވުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. މެރިޓް އުސޫލު ކުރިއަރުވައި، ކޮންމެ މީހަކަށްވެސް އެމީހެއްގެ ހައްގު މިންވަރު ލިބޭނެ ސަގާފަތެއް ބިނާކޮށްގެން މެނުވީ، ދިގު މުއްދަތުގެ ކާމިޔާބީއެއް އަދި ވަރުގަދަ ދައުލަތެއް ބިނާއެއް ނުކުރެވޭނެއެވެ.
ދިވެހިރާއްޖެ ފަދަ ކުޑަ މުޖުތަމައެއްގައި، ގާތްތިމާގެކަމާއި ރައްޓެހިކަމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، ޤައުމީ ފެންވަރުގައި ކުރިއަރަން ބޭނުންނަމަ، އަޅުގަނޑުމެން ޖެހޭނީ "ކާކުކަން އެނގުމަށްވުރެ، ކުރަން އެނގެނީ ކޮންކަމެއްތޯ" ބަލައި ސަގާފަތަކަށް ބަދަލުވާށެވެ.
ވަޒީފާ ދޭ ފަރާތްތަކުން އިންސާފުވެރި މިންގަނޑަކުން (މިސާލަކަށް: އެންމެންނަށް ހުޅުވާލެވިފައިވާ އިންޓަވިއު އަދި ޓެސްޓުތަކެއްގެ އެހީގައި) މީހުން ހޮވުމަކީ، ދިވެހި މުއައްސަސާތައް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކުރެވޭނެ ތަންތަނަށް ހެދުމަށް އޮތް ހަމައެކަނި މަގެވެ.
މެރިޓް އުސޫލަކީ ހަމައެކަނި ވަޒީފާ ދިނުމުގެ އުސޫލެއް ނޫނެވެ؛ އެއީ މުޖުތަމައެއްގެ އަދުލުވެރިކަމުގެ ހެކިބަހެވެ. ތިބާގެ ހުނަރަށް އިތުބާރުކުރާށެވެ، އަދި ނުފޫޒުގެ މަގުން އެއްކިބާވާށެވެ. އޭރުން ތިބާގެ ކުރިމަގު އޮންނާނީ އުޖާލާކޮށެވެ.
ކުންފުނިތަކާއި މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި، ކޮންމެ މުވައްޒަފެއްގެ މަސައްކަތްވެސް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އިންސާފުވެރިކަމާއެކު މިނެ، ވަޒަންކުރަންޖެހެއެވެ. މިއީ ހަމައެކަނި ކުށް ހޯދުމަކަށް ނޫނެވެ، އެ މީހަކަށް އިތުރަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިކަން ދެނެގަތުމަށް ވެސް މެއެވެ.
ކާމިޔާބީއަކީ ބުރަ މަސައްކަތުން ހޯދާ އެއްޗެކެވެ؛ އެއީ ހަދިޔާއަކަށް ދެވޭނެ އެއްޗެއް ނޫނެވެ. ތަޢުލީމާއި ތަޖުރިބާ އާއި ހުނަރު ހޯދާ ޒުވާނުން މާޔޫސްވިޔަ ނުދޭށެވެ. ކުއްލިއަކަށް ‘ވައިކުޑައިގަ ފުންމާލާ’ މީހުންގެ ސަބަބުން ވަޒީފާގެ މާހައުލު މިހާރުވެސް އޮތީ ކިލަނބުވެފައެވެ. އިތުރަށް ކިލަނބުވިޔަ ނުދޭށެވެ.