އިސްރާއީލުގެ ވަޒީރަކާއި ސިފައިން އަލް އަގްޞާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަތުން، ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރާއި ސިފައިންގެ ބަޔަކު އިއްޔެ ވަނީ އަގްސާގެ ގޯތި ތެރެއަށް ވަދެފައެވެ. މީގެ ކުރިން ވެސް، މުސްލިމުން މިސްކިތަށް ވަނުން ހުއްޓުވުމަށް ފަހު، ބެންގަވީރު ސިފައިންނާއެކު އަގްސާ މިސްކިތަށް ވަދެފައިވެއެވެ.
މި ފަހަރު އޭނާ އަގްސާ މިސްކިތަށް ވަދެފައިވަނީ، އެ މިސްކިތަށް މުސްލިމުން ވަނުން މަނާކޮށްފައި އޮންނަތާ ދުވަސްތަކެއްވީ ފަހުންނެވެ. އެގޮތުން، އިސްރާއީލާއި އެމެރިކާއިން މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އީރާނަށް ހަމަލާ ދޭން ފެށި ފަހުން، ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ބުނެ މުސްލިމުންނަށް މިސްކިތް ހުންނަނީ ބަންދުކޮށްފައެވެ.

އިސްރާއީލުގެ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރާއި ސިފައިން، އަގްސާ މިސްކިތުގެ ގޯތި ތެރޭގައި --
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ. އަދި އެއީ އަލްއަގްޞާ މިސްކިތުގެ ގާނޫނީ، ތާރީޚީ، ދީނީ ހައިސިއްޔަތު ނަގާލުމަށް ގަސްތުގައި ހިންގާފައިވާ އުދުވާނީ އަމަލެއްކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަލް އަގްޞާ މިސްކިތަށް، ފަލަސްތީންގެ ރައްޔިތުން ވަނުން ހުއްޓުވުމާއި، އިސްތިއުމާރީ ސިފައިން ތަކުރާރުކޮށް ހިންގަމުންދާ ޖަރީމާތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްގުތަކަށް އަރައިގަތުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންގެ އިޙްސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއްކަމަށް ވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާއަށް އިޙުތިރާމް ކުޑަކޮށް، އިންސާނީ ޙައްގުތަކާ ކަނޑައެޅިގެން ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، އިސްރާއީލް ޒިންމާދާރުކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.