މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 14:16 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު -- ފޮޓޯ/ އެމްވީ ކްރައިސިސް
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ފަހަތުގައި އިން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.