މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ހުށަހެޅި އެ މައްސަލައިގައި ވަނީ، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދިނުމަށް އެދިފައެވެ.
އަދި އެކަމާ ގުޅިގެން ވަރަށް ގިނަ ސުވާލުތަކެއް ވެސް ވަނީ ހުށަހަޅައިފައެވެ. އެ ސުވާލުތަކަކީ:
- ބީލަމުގައި ބައިވެރިވުމށް ދައުވަތު ދެވުނީ ކޮން ކުންފުނިތަކަކަށްތޯ އަދި އެ ކުންފުނިތައް ހޮވުމުގައި ބަލާފައިވާ މިންގަނޑުތަކަކީ ކޮބައި؟
- ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޮވުމުގައި އިސްކަންދީފައިވާ ޚާއްސަ ޝަރުތުތަކަކީ ނުވަތަ ގާބިލިއްޔަތުގެ މިންގަނޑުތަކަކީ ކޮބައި؟
- މި މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓް އެއްވެސް ވަރަކަށް ޝާމިލުކޮށްފައިވޭތޯ؟
ހަމައެއާއެކު އެ މައްސަލައިގައި އެދިފައި ވަނީ:
- މަސައްކަތް ހަވާލުކުރި ފަރާތަކީ މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާ ފަރާތެއްތޯ އަދި އެފަރާތުން އެފަދަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުން މަޖިލީހާ ހިއްސާކުރުމަށް ވަނީ އެދިފައި.
- އިންވެސްޓްމަންޓް ކޮމިޓީގެ އަގުލަބިއްޔަތުން އެއީ ކުންފުންޏަށް ފައިދާކުރަނިވި ނުވަތަ ގެއްލުންވެދާނެ އިންވެސްޓްމަންޓެއްތޯ ބަލައި، ކުންފުނީގެ ސީއިއޯއަށް ލަފާ އަރުވަންޖެހޭ ކަމަށް.
- ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ހުށަހެޅުމަށް.
- އުސޫލުގައިވާ ގޮތުން އެ މަސައްކަތް ކުރުމަށް އޮނަހިރި މެންބަރުންގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވައިލަން ލާޒިމުކުރެއެވެ. ނަމަވެސް އިވެލުއޭޝަން ހެދީ ޕޮލިސީގައި ބަޔާންކުރާ ކޮމިޓީއަކުން ނޫންކަމުން ޕޮލިސީއިން ބޭރުން އެކުލަވައިލި އިވެލުއޭޝަން ކޮމިޓީއަކީ ކިހިނެއް ހުއްދަ ލިބިގެން އެކުލަވައިލި ކޮމިޓީއެއްކަން ސާފުކުރުމަށް އެދިފައި.
ހަމައެއާއެކު 13 މިލިއަން ރުފިޔާގެ އެ ޓެންޑާއަކީ ޓެކްނިކަލް ޓެންޑާއެއް ކަމަށްވީއިރު އާންމު އުސޫލުގެ ދަށުން މައި ޓެންޑާ ކޮމިޓީގައި އެކަމުގެ ތަޖުރިބާ ނެތް ކަމަށްވާނަމަ، ޓެންޑާގެ ޓެކްނިކަލް ބައި އިވެލުއޭޓް ކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމަކީ ކުރަމުންދިޔަ ކަމެއްކަން މައްސަލައިގައި ފާހަގަކުރިއެވެ. އެހެންކަމުން މައި ކޮމިޓީގެ އިވެލުއޭޝަން ނިންމާނީ ސަބްކޮމިޓީގެ ލަފައަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވާތީ އެ މައްސަލައިގައި އަމަލުކުރީ އެގޮތަށް ކަމަށްވާނަމަ، އެކަން ސާބިތުވާ ލިޔެކިޔުންތައް މަޖިލީހަށް ހިއްސާކުރުމަށް ވެސް އެ މައްސަލައިގައި ވަނީ އެދިފައެވެ.
އަދި ކުންފުންޏަށް ބޭނުންވާ މުދާ ހޯދުމަށް ސަޕްލަޔަރުންނަށް އިންކުއަރީ ފޮނުވަނީ ހަމައެކަނި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށް ކަމަށްވާތީ އިންކުއަރީ ފޮނުވި ތާރީޚުގައި، ދައުވަތު ފޮނުވި ސަޕްލަޔަރުންނާއި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރު އެއްކުރެވުނު ތާރިޚު ވަކިވަކިން އެނގޭ ގޮތަށް ހޯދުމަށް ވެސް އެ މައްސަލައިގައި ވަނީ އެދިފައެވެ.
އެމްޓީސީސީއަކި ސަރުކާރުގެ ކުންފުންޏަކަށް ވެފައި، މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި އެފަދަ މަސައްކަތެއް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ކުޑޫ ވަނީ އެ މައްސަލައިގައި ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިފްތިތާހުކުރި މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް އެދި ގިނަ ކަސްޓަމަރުން ކިއޫގައި ޖެހި، ޚިދުމަތްދޭ އެމްޓީސީސީގެ ހޮޓްލައިނަށް ވަނީ ބާރު ވެސް ބޮޑުވެ، ނުގުޅޭ ގޮތްވެފައެވެ. އެކަމާ ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން އެމްޓީސީސީން ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.