ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ބޮލީވުޑްގެ ފިލްމު "ބޫތް ބަންގްލާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ އަކްޝޭ ކުމާރު ލީޑް ރޯލްއިން ފެނުނު ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ"ގެ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ އުފެއްދުމެކެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް އަކްޝޭ ކުމާރު ލީޑް ރޯލްއިން ފެންނާނެ މި ފިލްމަކީ ދިގު މުއްދަތަކަށްފަހު އަކްޝޭ ޕްރިޔާދަރުޝަންއާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
މި ފިލްމު މި މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ފިލްމުގެ ޕެއިޑް ޕްރިވިއު ޝޯތަކެއް އޭޕްރީލް 16 ވަނަ ދުވަހުގެރޭ 9:00އިން ފެށިގެން ބަލާލެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހެއްވާ މަޖާ ހާދިސާތަކާ އެކު ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭނެ "ބޫތު ބަންގްލާ"ގެ ކާސްޓުގައި ބަތަލާ ވަމީގާ ގައްބީ، އެކްޓަރު ޕަރޭޝް ރާވަލް އަދި ދާދިފަހުން ދުނިޔެދޫކޮށްފައިވާ ކޮމެޑީ އެކްޓަރު އަސްރާނީ ހިމެނެއެވެ. މީގެއިތުރުން ބަތަލާ ތައްބޫ ވެސް ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ބެލުންތެރިންނަށް ފެންނާނެއެވެ.

ޑައިރެކްޓަރު ޕްރިޔާދަރުޝަން އަދި ފިލްމު "ބޫތު ބަންގްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ބާލާޖީ މޯޝަން ޕިކްޗާސް އާއި ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ގެނެސްދޭ "ބޫތް ބަންގްލާ"ގެ ޕްރޮޑިއުސަރުންގެ ޓީމުގައި އަކްޝޭ ވެސް ހިމެނެއެވެ. އާކާޝް ކައުޝިކްގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ރޯހަން ޝަންކަރު، އަބިލާޝް ނަޔަރު އަދި ޕްރިޔާދަރުޝަންއެވެ.
އަކްޝޭގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޕްރިޔާދަރުޝަންއާ އެކު މަސައްކަތްކުރާ ފިލްމު "ހައިވާން"، "ވެލްކަމް ޓު ދަ ޖަންގަލް" އަދި "ގޯލްމާލް 5"ގެ އިތުރުން ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމެއް ހިމެނެއެވެ.