އިންޑިއާގެ މަގުބޫލު ބަތަލާ އަނުޝްކާ ޝަރުމާ ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާގައި ދުރުގައި އުޅުމަށް ފަހު އަނެއްކާ ވެސް މިވަނީ ކެމެރާގެ ކުރިމަތިން ފެނިފައެވެ.
މީގެ ކުރިން ވެސް އެކި އިޝްތިހާރުތަކުން ފެނިފައިވާ ބަތަލާ "ހީރް ބައި ޖީއައިވީއޭ"އަށް ކުޅެދީފައިވާ އިޝްތިހާރެއް މި ހަފުތާ ތެރޭ ދައްކާލުމާ އެކު މިއީ އަނުޝްކާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް އުފާވެރި 'ސަޕްރައިޒެއް'ގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ކުއްލިއަކަށް އަނުޝްކާ ސްކްރީނުން ފެނުމުން ގިނަ ބަޔަކު ވަނީ ބަތަލާގެ ކުރީގެ ފިލްމުތަކުގެ ހަނދާންތައް އާކޮށްފައެވެ. ފިލްމީ ދާއިރާއާ ދުރުގައި އާއިލީ ކަންކަމާއި، ޕްރޮޑަކްޝަން މަސައްކަތްތަކުގައި އަދި ފިރިމީހާ ވިރާޓް ކޯލީގެ މެޗުތަކުގައި ބައިވެރިވުމުގައި އޭނާ އުޅޭތާ މިހާރު ގާތްގަނޑަކަށް އަށް އަހަރު ވެއްޖެއެވެ. އެހެންކަމުން އިޝްތިހާރަކުން ނަމަވެސް އަނުޝްކާ އަލުން ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސަޕޯޓަރުން ވަނީ ސިފަކޮށްފައެވެ.
ބައެއް މީހުން ބުނެފައިވަނީ އަނުޝްކާ ފެނުމުން ވަރަށް އުފާވި ކަމަށާއި ބޮލީވުޑުން ބަތަލާ ނުފެންނާތީ ފަޅުކަމެއް އިހުސާސްވާ ކަމަށެވެ. އަދި އޭނާގެ ރީތިކަމާއި ސްކްރީނުން ފެންނަ ފެނުމަށް ތައުރީފުކޮށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ބަހުސްކޮށްފައެވެ.

އަނުޝްކާ "ހީރް ބައި ޖީއައިވީއޭ"އަށް ކުޅެފައިވާ އިޝްތިހާރުގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ބައެއް ސަޕޯޓަރުން ބުނި ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު އަނުޝްކާ ސްކްރީނުން ފެނުނުއިރު ބަތަލާގެ ހުނަރާއި މަގުބޫލުކަމަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ.
އިންޑިއާގެ ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޮލިއާ ކައިވެނިކޮށް މިހާރު ދެ ކުދިން ވެސް ލިބިފައިވާ އަނުޝްކާ ބޮލީވުޑަށް ތައާރަފުވީ 2008 ވަނަ އަހަރު ޝާހްރުކް ޚާނާ އެކު ކުޅުނު "ރަބް ނޭ ބަނާދީ ޖޯޅީ" ފިލްމުންނެވެ. އޭގެ ފަހުން އަނުޝްކާ ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭ، "ބޭންޑް ބާޖާ ބާރާތް"، "ޕީކޭ"، "ދިލް ދަޅަކްނޭ ދޯ" އަދި "ސަންޖޫ" ފަދަ ފިލްމުތައް ހިމެނެއެވެ.
އަނުޝްކާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ޝާހުގެ ފިލްމު "ޒީރޯ"އެވެ.
އަނުޝްކާ ވަނީ އިންޑިއާގެ ކުރީގެ މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިޔާ ޖޫލަން ގޮސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ "ޗަކްދާ އެކްސްޕްރެސް"ގެ މަސައްކަތް މިހާރު ނިންމާފައެވެ. ނަމަވެސް، މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.