ހިންގުން ނުވަތަ މެނޭޖްމަންޓު

ޕްރޯސަސް އޮފް މެނޭޖްމަންޓް

މެނޭޖުމަންޓް ނުވަތަ ހިންގުމަކީ އިންސާނުން ޖަމާޢަތް ހަދައިގެން އުޅެން ފެށީއްސުރެ ކަންކަން ރާވައި އިންތިޒާމުކުރުމަށް ބޭނުންކުރަމުން އައި އުޞޫލުތަކެކެވެ. މިޞްރުގެ އަޙުރާމްތަކާއި ޗައިނާގެ ބޮޑުފާރު ފަދަ އާސާރީ ބިނާތަކަކީ މީގެ އެތައް ހާސް އަހަރެއް ކުރިންވެސް ހިންގުމުގެ ވަރުގަދަ ނިޒާމުތަކެއް އޮތްކަމުގެ ހެއްކެކެވެ. މިއީ ވަކި ޢިލްމެއްގެ ގޮތުގައި ކުރިއަރަން ފެށީ އަށާރަ ވަނަ އަދި ނަވާރަ ވަނަ ޤަރުނުގައި ޔޫރަޕަށް އައި ސިނާޢީ އިންގިލާބާއެކުގައެވެ. ފްރެޑްރިކް ޓޭލަރ އަދި ހެންރީ ފަޔޯލް ފަދަ މާހިރުން ވަނީ މި ޢިލްމުގެ ބިންގާ އަޅައިދީފައެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިވެސް ވަކި ލަނޑުދަނޑިއެއް ޙާޞިލުކުރުމަށް ކުރެވޭ ކަންކަން މެނޭޖުމަންޓުގެ ގޮތުގައި ވަނީ ބަލައިގެންފައެވެ.

  • މެނޭޖުމަންޓަކީ އިންސާނީ ތާރީޚާއެކު އުފެދިފައިވާ ކަންކަން ރާވައި އިންތިޒާމުކުރުމުގެ ނިޒާމެކެވެ.
  • މިޞްރުގެ އަޙުރާމްތަކާއި ޗައިނާގެ ބޮޑުފާރަކީ ކުރީޒަމާނުގެ ހިންގުމުގެ ލާމަސީލު މިސާލުތަކެކެވެ.
  • މިއީ ވަކި ޢިލްމެއްގެ ގޮތުގައި ކުރިއަރައިގެން އައީ ސިނާޢީ އިންގިލާބާ ގުޅިގެންނެވެ.
  • މެނޭޖުމަންޓުގެ މައިގަނޑު ހަތަރު މަރުޙަލާއަކީ ރޭވުން، ތަރުތީބުކުރުން، ތަންފީޒުކުރުން އަދި ފިޔަވަޅުއެޅުމެވެ.

ހިންގުން (މެނޭޖުމަންޓް)

މެނޭޖުމަންޓް ނުވަތަ "ހިންގުމުގެ" މަފްޙޫމަކީ އިންސާނީ ތާރީޚާއެކު އުފެދިފައިވާ ކަމެކެވެ. މިއީ ވަކި މުއްދަތެއްގައި ވަކި ތަނަކުން އުފެދުނު އެއްޗަކަށްވުރެ ބޮޑަށް، އިންސާނުން ޖަމާޢަތް ހަދައިގެން އުޅެން ފެށި ހިސާބުން، ކަންކަން ރާވައި، އިންތިޒާމުކޮށް، އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ބޭނުންކުރަން ފެށި އުޞޫލުތަކެކެވެ. މެނޭޖުމަންޓުގެ ތާރީޚީ އަޞްލުތައް ބެހިގެންވާ ގޮތް ތިރީގައި އެވަނީ އެވެ.

ތާރީޚީ އަޞްލު (Ancient Origins)

މެނޭޖުމަންޓުގެ އެންމެ ކުރީގެ ނިޝާންތައް ފެންނަން ހުރީ މީގެ އެތައް ހާސް އަހަރެއް ކުރިއަށް ބަލާލުމުންނެވެ. އެގޮތުން ބައެއް މިސާލުތައް ގެނެސްދޭނަމެވެ.

މިޞްރުގެ ޕިރަމިޑްތައް (އަޙްރާމް)

ގާތްގަނޑަކަށް މީގެ 4600 އަހަރު ކުރީން ޢިމާރާތްކުރި މިޞްރުގެ އަޙުރާމްތަކަކީ މިއަދުވެސް ފެންނާން ހުރި އާދަޔާ ޚިލާފު ޢުމުރާނީ ވަރުގަދަ ބިނާތަކެކެވެ. އިންސާނުންގެ މަސައްކަތްތެރިކަމުގެ ތަޢުރީފު އޮހެމުންދާ އާސާރީ ބިނާތަކެކެވެ. މިހާތަނަށް ގާތްގަނޑަކަށް 120 އަޙުރާމް ވަނީ ހޯދިފައެވެ. އަދި ބައެއް އެހެން މަޢުލޫމާތުތަކުން އެނގޭ ގޮތުގައި 118 އާއ 138 ދެމެދުގެ އަދަދަކަށް އަޙްރާމު ވަނީ ހޯދިފައެވެ.

ގްރޭޓް ޕިރަމިޑް އޮފް ގިޒާ (Great Pyramid of Giza) އަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާރީޚީ އާސާރީ ބިނާއެކެވެ. މިފަދަ ބޮޑެތި ބިނާތައް އެޅުމުގައި ނުވަތަ ޢިމާރާތްކުރުމުގައި އެތައް ހާސް މަސައްކަތްތެރީން ބޭނުންކޮށް، އެ މީހުންގެ މަސައްކަތް ރާވައި، އިރުޝާދު ދީ، ކާބޯތަކެތި ފޯރުކޮށްދިނުމަކީ މެނޭޖުމަންޓުގެ ވަރަށް ވަރުގަދަ ނިޒާމެއް އޭރުވެސް އޮތްކަމުގެ ހެއްކެކެވެ. ދިރާސީ ލިޔެކިޔުންތަކުން އެނގޭގޮތުގައި ގާތްގަނޑަކަށް، 6 އަކަކިލޯ މީޓަރާއި 8 އަކަކިލޯ މީޓަރުގެ ބޮޑު ސަރަޙައްދެއްގައި ހިންގުނު މި މަޝްރޫޢަކީ އިންތިޒާމީ ހިންގުމުގެ ވަރަށް ބޮޑު މިސާލެކެވެ.

ޗައިނާގެ ބޮޑުފާރު

އިންސާނުންގެ އަތްތަކުން ކޮށްފައިވާ ބޮޑެތި އަދި އެހާމެ ފުރިހަމަ އަޖައިބުކުރުވަނިވި މަސައްކަތްތަކުގެ ތެރޭގައި، ޗައިނާގެ ބޮޑުފާރު (Great Wall of China) ހިމެނެ އެވެ. ދިގުމިނުގައި ގާތްގަނޑަކަށް 13171 މޭލު އަދި ފުޅާމިނުގައި 23 ފޫޓާއި 26 ފޫޓު ހުންނަ މި ފާރަކީ އުސްމިނުގައި ގާތްގަނޑަކަށް 20 ފޫޓާއި 23 ފޫޓު ހުންނަ ހިލައިގެ ފާރެކެވެ. ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ބަލާއިރު މިއީ މިއަދުވެސް އިންސާނުންގެ މަސައްކަތްތެރިކަމުގެ ހުނަރުވެރިކަމާއި، ރޭވުންތެރިކަމުގެ އިތުރުން މެނޭޖްމަންޓުގެ ލާމަސީލު މަސައްކަތެކެވެ.

އިންޑަސްޓްރިއަލް ރިވޮލިއުޝަން (Industrial Revolution)

މެނޭޖުމަންޓަކީ ވަކި ޢިލްމެއްގެ ގޮތުގައި ކުރިއަރަން ފެށީ 18 ވަނަ އަދި 19 ވަނަ ޤަރުނުގައި ޔޫރަޕަށް އައި ސިނާޢީ އިންގިލާބާ (Industrial Revolution) އެކުގައެވެ. ތަފާތު މަސައްކަތްތައް ކާރުޚާނާތަކަށް ބަދަލުވެ، ގިނަ ޢަދަދެއްގެ މީހުން އެއްތަނެއްގައި މަސައްކަތްކުރަން ޖެހުމުން، މަސައްކަތުގެ ރޭވުންތެރިކަން (Planning) އަދި ކޮންޓްރޯލް ކުރުމުގެ ބޭނުންތެރިކަން އިތުރުވި އެވެ.

މެނޭޖުމަންޓުގެ ބައްޕަ (Scientific Management)

މެނޭޖުމަންޓުގެ މަފްޙޫމް ސައިންޓިފިކް ގޮތަކަށް އެންމެ ފުރަތަމަ ތަޢާރަފުކުރީ އެމެރިކާގެ ފްރެޑްރިކް ޓޭލަރ (Frederick Taylor) އެވެ. 1911 ވަނަ އަހަރު އޭނާ ލިޔުނު "Principles of Scientific Management" އަކީ މި ދާއިރާގެ ޢިލްމީ ބިންގަލެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ހެންރީ ފަޔޯލް (Henri Fayol) ވަނީ މެނޭޖުމަންޓުގެ 14 އަސާސް ތަޢާރަފުކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި މެނޭޖުމަންޓް

ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި "މެނޭޖުމަންޓް" ނުވަތަ "ހިންގުން" މާނަކޮށްފައިވަނީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ކުރެވޭ ކަންކަމުގެ ގޮތުގައެވެ. މިސާލަކަށް:

އެއްމެދު ޢިމާރާތުގެ ޤާނޫނު (33/2021) [1] މި ޤާނޫނުގައި "ހިންގައި ބެލެހެއްޓުން" (Management) މާނަކޮށްފައިވަނީ، ވަކި އުޞޫލުތަކެއްގެ މަތީން، ތަނެއްގެ މަރާމާތާއި، ވަސީލަތްތައް ބޭނުންކުރުމުގައި މަންފާ ލިބޭނެ ގޮތަށެވެ.

ޚުލާޞާކޮށް ދަންނަވާ ނަމަ، މެނޭޖުމަންޓް އުފެދިގެން އައީ މީގެ އެތައް ހާސް އަހަރެއްގެ ކުރީންނެވެ. މަސައްކަތްތައް އެންމެ ފައިދާހުރި ގޮތުގައި ރާވައި ހިންގުމުގެ އިންސާނީ ބޭނުމުގެ ތެރެއިންނެވެ. އަދި މަސައްކަތްތެރިކަމުގެ އިންގިލާބުގެ މެނޭޖުމަންޓް ޢިލްމެއްގެ ގޮތުގައި ބައްޓަންވެގެން އައީ ޔޫރަޕާއި، އެމެރިކާ އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ސިނާޢީ ތަރައްޤީއާ އެކުގައެވެ. މެނޭޖްމަންޓުގެ ޕްރޯސަސްތަކަކީ މައިގަނޑު ހަތަރު ބައެއް ހިމެނޭ (މަތީގައިވާ ކުރެހުމުގައިވާ ފަދައިން) ގޮތަށް ކަމުގެ ޢިލްމީ މާހިރުން ބަހާލާފައިވާ ޕްރޯސަސް (މަސައްކަތްތަކެއް) ތަކެކެވެ. އެއީ ރޭވުމާއި، ކަންކަން ތަރުތީބު ކުރުމާއި، ތަންފީޒުކޮށް ކުރިއަށް ގެންދިއުމުގެ އިތުރުން، މަސައްކަތްތައް ހިނގަމުންދާއިރު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމެވެ. މިއީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ކޮންމެހެން މުހިންމު ކަންކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް