އައިއޯއެސް 26.5ގެ ޕަބްލިކް ބީޓާ އާންމުކޮށްފި

މި އަޕްޑޭޓާޢެކު އެޕަލް މެޕްސްގައި އިޝްތިހާރު ދައްކަން ފަށާނެ ---

އެޕަލް ކުންފުނިން ވަނީ އައިއޯއެސް 26.5 ގެ ޕަބްލިކް ބީޓާ އާންމުންނަށް ދޫކޮށްލާފައެވެ. މި އައު އަޕްޑޭޓާއެކު އެޕަލް މެޕްސްއަށް ސަޖެސްޓެޑް ޕްލޭސަސް ފީޗާ އިތުރުކުރެވިފައިވާއިރު، މެޕްސްގައި އިޝްތިހާރު ދައްކަން ފަށާނެކަމުގެ ނޮޓިފިކޭޝަންވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން ޒާތީ މަޢުލޫމާތު އެއްނުކުރާނެކަމުގެ ޔަޤީންކަން އެޕަލްއިން ވަނީ ދީފައެވެ. އަދި އާރްސީއެސް މެސެޖުތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ޓެސްޓުކުރަމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.

  • އައިއޯއެސް 26.5 ޕަބްލިކް ބީޓާ އާންމުންނަށް ނެރުން
  • އެޕަލް މެޕްސްގައި ސަޖެސްޓެޑް ޕްލޭސަސް ފީޗާ ތަޢާރަފުކުރުން
  • މެޕްސްގައި ރައްކާތެރިކަމާއެކު އިޝްތިހާރު ދައްކަން ފެށުން
  • އާރްސީއެސް އެންކްރިޕްޝަން ޓެސްޓުކުރުން

އެޕަލް އައިއޯއެސް 26.5 ގެ ޕަބްލިކް ބީޓާ އާންމުކޮށްފިއެވެ.

ޑިވެލޮޕަރުންނަށް އައިއޯއެސް 26.5 ގެ ބީޓާ ވާޝަން ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެޕަލް އިން މިހާރު ވަނީ އާންމުންނަށް މި އޯއެސްގެ ޕަބްލިކް ބީޓާ ނެރެފައެވެ.

މި އައު އޮޕަރޭޓިންގ ސިސްޓަމާއެކު އަންނަ އެންމެ ބޮޑު އެއް ބަދަލަކީ އެޕަލް މެޕްސްއަށް އިތުރުކުރެވޭ "ސަޖެސްޓެޑް ޕްލޭސަސް" (ލަފާދޭ ތަންތަން) ފީޗާއެވެ.

މެޕްސް އެޕްގެ ސާޗް ބާއަށް ފިތާލުމުން ފެންނަ މި ފީޗާ މެދުވެރިކޮށް، ތިބޭ ސަރަހައްދާ ކައިރިން ނުވަތަ ކުރިން ސާޗްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް، ގިނަ ބައެއްގެ މެދުގައި މަގުބޫލު ރެސްޓޯރެންޓުތަކާއި އެހެނިހެން ތަންތަން ދައްކައިދޭނެއެވެ.

https://sun.mv/219941

މީގެ އިތުރުން، އައިއޯއެސް 26.5 ބީޓާގައި އެޕަލް މެޕްސްގެ ތެރޭގައި އިޝްތިހާރު ދައްކަން ފަށާނެކަމުގެ ނޮޓިފިކޭޝަންތައްވެސް ހިމެނެއެވެ.

އެޕަލް އިން ވަނީ އެޕް ސްޓޯރާއި އެޕަލް ނިއުސްގެ އިތުރުން އެހެން އެޕްތަކަށް އިޝްތިހާރު ފުޅާކުރާނެކަން މާރިޗު މަހު ކަށަވަރުކޮށްދީފައެވެ.

މެޕްސްގައި ދައްކާ އިޝްތިހާރުތައް ބިނާވާނީ ބޭނުންކުރާ މީހާ ހުންނަ ސަރަހައްދަށާއި، ސާޗްކުރާ ބަސްތަކުގެ މައްޗަށެވެ. މި އިޝްތިހާރުތައް ސާޗް ރިޒަލްޓްގެ އެންމެ ކުރީގައާއި "ސަޖެސްޓެޑް ޕްލޭސަސް" ލިސްޓުގައި ފެންނަން ހުންނާނެއެވެ.

އެޕަލް އިން ބުނާގޮތުގައި މިއީ އިޝްތިހާރުކަން އެނގޭނެހެން ސާފުކޮށް ލިޔެފައި ހުންނާނެއެވެ. އަދި މީގެ ސަބަބުން ޔޫޒަރުންގެ ޕްރައިވެސީއަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ.

ހުންނަ ތަނާއި ފިތާލެވޭ އިޝްތިހާރުތަކުގެ މައުލޫމާތު އެޕަލް އެކައުންޓާ ނުގުޅޭނެ ކަމަށާއި، އެއްވެސް ޒާތީ މައުލޫމާތެއް އެޕަލް އިން އެއްނުކުރާނެ ކަމަށާއި އެ މައުލޫމާތުތައް ރައްކާކުރެވިފައި ހުންނާނީ ހަމައެކަނި އަމިއްލަ އައިފޯނުގައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކަންކަމުގެ އިތުރުން، އައިއޯއެސް 26.5 ބީޓާގައި އެޕަލް އިން ދަނީ އާރްސީއެސް މެސެޖުތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން އަނެއްކާވެސް ޓެސްޓުކުރަމުންނެވެ. ނަމަވެސް، އޯއެސްގެ ސްޓޭބަލް ވާޝަން އާންމުކޮށް ނެރޭއިރު މި ފީޗާ ހިމެނޭނެކަން ނުވަތަ ނޫންކަން އަދި އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އައިއޯއެސްގެ ޕަބްލިކް ބީޓާ އަޖުމަބަލާލަން ބޭނުންވާ ފަރާތްތަކަށް، 'އެޕަލް ބީޓާ ސޮފްޓްވެއާ ޕްރޮގްރާމް' ވެބްސައިޓަށް ގޮސް އެޕަލް އައިޑީ ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

comment ކޮމެންޓް