ރާއްޖޭން ލިބެން ހުރި ބޭސްތައް އޮންލައިންކޮށް ބެލޭނެ ގޮތަށް ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިރޭ ވިދާޅުވެއްޖެއެވެ.
ބޭހަށް ޚާއްސަ ކުންފުންޏެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އުފައްދާފައިވީ ނަމަވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ދޭތެރެއަކުން ފެންމަތިވެއެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ހެދި އެ ކުންފުނީގެ މަސައްކަތްތައް ފަށައިގަނެ، ބޭސް އެތެރެކުރަން ފެށުނީ އުފެއްދިތާ ހަ މަސް ފަހުން, މިދިޔަ މަހެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ޝާހު ވިދާޅުވީ، ބޭހަށް އެތައް ރުފިޔާއެއް ޚަރަދުކުރާއިރު، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަމަށެވެ.

ޑރ. ޝާހް މާހިރު: ވިދާޅުވީ، ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް އޮންލައިންކޮށް ބެލޭ ގޮތަށް ސިސްޓަމެއް ހަދަމުން އަންނަ ކަމަށް -- ފޮޓޯ/ އެކްސް، ޑރ. ޝާހް މާހިރު
މިގޮތުން، ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތުތައް ލިބޭނެ ޑިޖިޓަލް ސިސްޓަމެއް އޮންނަން ޖެހޭ ކަމަށް ޝާހު ގަބޫލުކުރައްވައެވެ. އެ ފަދަ ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު
އޭނާ ވިދާޅުވި ގޮތުގައި، ބޭހުގެ މައުލޫމާތުތައް އެނގޭނެ ސިސްޓަމެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެފަދަ ނިޒާމެއް ތައާރަފުކުރުމުން، ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު ބޭނުންކުރާ ބޭހުގެ ސިސްޓަމުން ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށް ވެސް ނުފެންނަކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި މިހާރު އުފައްދާ ސިސްޓަމުން އެ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު އެ ފަދައިން ވިދާޅުވިއިރު، ބޭސް ކުންފުނިން ވަނީ، ބޭސް ހޯދުން ފަސޭހަ ކުރުމަށްޓަކައި ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފައެވެ.

އެސްޓީއޯ ފާމަސީއެއް: ހަމައަށް ބޭސް ނުލިބޭ ޝަކުވާ މިހާރު ވަރަށް އާންމު -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް
މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވަނީ ގާއިމްކޮށްފައެވެ.
އެސްޓީއޯއިން ވަނީ ހުރިހާ ބޭސްފިހާރަތަކެއް، ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މި އަހަރު ފަށައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށް ޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ބޭސް ރާއްޖޭގައި ވިއްކަން ފެށިކަން ސަރުކާރުން ހާމަކުރީ ޖުލައި 22، 2024ގައެވެ. އޭރު ސަރުކާރުން ބުނީ ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ގަނޑުކޮށް ގެންނަން ފަށައިފައިވާ ކަމަށެވެ.