ބޭސް ހޯދަން ފަސޭހަކޮށްދޭން، ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލެއް ބޭސް ކުންފުނިން ހަދައިފި

ބޭސް ފިހާރައެއް: ބޭސް ހޯދަން ފަސޭހަކޮށްދޭން ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލެއް، ބޭސް ކުންފުނިން ވަނީ ހަދާފައި --- ފޮޓޯ/ އެސްޓީއޯ

ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ވަނީ އާންމުންނަށް ފަސޭހައިން ބޭސް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޚާއްޞަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލެއް ތަޢާރަފުކޮށްފައެވެ. 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިން މެދުވެރިކޮށް ޒަރޫރީ ބޭސްތަކަށް އޯޑަރުކުރެވޭނެއެވެ. އަދި އީފާސް މެދުވެރިކޮށް ވަދެވޭ، އެންސްޕާގެ ނިޒާމާ ގުޅިފައިވާ ޕޯޓަލުން ވެސް އަވަހަށް ޚިދުމަތް ލިބޭނެކަން އެ ކުންފުނިން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، އެސްޓީއޯގެ ދަށުގައި ހުރި ބޭސްފިހާރަތައް ވެސް މި އައު ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ ކުރިން ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓްގެ ދަށުން ގެނައުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

  • ދައުލަތުގެ އައު ބޭސް ކުންފުނިން 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން 1505 ތަޢާރަފުކުރުން.
  • އީފާސް އަދި އެންސްޕާއާ ގުޅިފައިވާ ޑިޖިޓަލް ޕޯޓަލެއް ޚިދުމަތަށް ނެރުން.
  • އެސްޓީއޯގެ ބޭސްފިހާރަތައް އައު ކުންފުނީގެ ދަށަށް ބަދަލުކުރަން ފެށުން.
  • ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ޔޫރަޕްގެ ބޭސް ރާއްޖެއަށް އެތެރެކުރަން ފަށާފައިވުން.

ބޭސް ހޯދަން ފަސޭހަ ކޮށްދިނުމަށްޓަކައި، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދި އާ ކުންފުނިން ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ދޭތެރެއަކުން އަދިވެސް ފެންމަތިވެއެވެ. އެ ކަމާ ގުޅޭ އެތައް ގަރާރަކާއި މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އެދެވޭ ހައްލެއް ނާދެއެވެ.

އެހެން އެކަން އޮއްވައި، ބޭހުގެ ކަންކަމަށް ޚާއްސަ ކުންފުންޏެއް ހެދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. މިގޮތުން، އެ ކުންފުނިން ބޭސް އެތެރެކުރަން ފަށާފައި ވަނީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުންނެވެ.

https://sun.mv/219040

މިއަދު ބޭސް ކުންފުނިން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 24 ގަޑިއިރު ބޭހުގެ ޚިދުމަތް ހޯދުމަށް އެދި ގުޅޭނެ ޚާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފައިވާ ކަމަށެވެ.

ސޯސަންމަގުގައި ހިންގާ ފާމަސީތަކެއް: ބޭސް ހޯދަން ފަސޭހަކޮށްދޭން ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލެއް، ބޭސް ކުންފުނިން ވަނީ ހަދާފައި -- ފޮޓޯ: އަމަން ލަތީފް

ޒަރޫރީ ބޭސްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ، އެ ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވަދެވޭ ގޮތަށް އެ ކުންފުނިން ވަނީ ޕޯޓަލެއް ގާއިމުކޮށްފައެވެ. އެ ޕޯޓަލް ފަރުމާކޮށްފައިވަނީ، އެންސްޕާގެ ނިޒާމާ ގުޅުވާލައިގެން ކަމަށްވާއިރު، މިހާރު ވެސް ހިނގާ ނިޒާމުގެ ތެރެއިންނާއި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް އަވަހަށް ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތްތަކުގެ ބޭނުމަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

އެސްޓީއޯއިން ވަނީ ހުރިހާ ބޭސްފިހާރަތަކެއް، ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މި އަހަރު ފަށައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށް ޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ފުރަތަމަ ފަހަރަށް ވިއްކަން ފެށިކަން ސަރުކާރުން ހާމަކުރީ ޖުލައި 22، 2024ގައެވެ. އޭރު ސަރުކާރުން ބުނީ ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ގެންނަން ފަށައިފައިވާ ކަމަށެވެ.

comment ކޮމެންޓް